ގިނަ ދިވެހިން ހިދުމަތް ހޯދާ މަނިޕާލް ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ފަރުވާ ހޯދުމަށް ގޮސް އުޅޭ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެންސްޕާއިން ހާމަކުރި ގޮތުގައި މިގޮތަށް ނިންމީ މަނިޕާލް ހޮސްޕިޓަލުން ހިދުމަތް ފޯރުކޮށްދޭ އަގުތައް ބޮޑުވުން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ދަނީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން މަޝްވަރާ ކުރަމުން ކަމަށް އެންސްޕާއިން ބުންޏެވެ.
މަނިޕާލް ހޮސްޕިޓަލާއެކު ކުރިއަށްދާ މަޝްވަރާތަކަށްފަހު އާސަންދަ އަލުން ދޭނެކަމެއް ނުވަތަ ނޫންކަމެއް އެންސްޕާއިން ހާމައެއް ނުކުރެ އެވެ.
އެ ހޮސްޕިޓަލުން އާސަންދަ ކަނޑައިލިއިރު ސަރުކާރުން ކަނޑައަޅާފައިވާ ރޭޓްގެ އިތުރަށް ބަލި މީހުންގެ އަތުން އެތައް ގުނައަކުން ފައިސާ ނަގާ ކަމުގެ ޝަކުވާތައް އެންސްޕާއަށް ހުށަހަޅާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މިހާރު މަނިޕާލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހުންނަށް އެކަން އާސަންދައިގެ ދަށުން ކުރިއަށް ގެންދެވޭނެ އެވެ. އާސަންދަ ނުލިބޭނީ އަލަށް އެހޮސްޕިޓަލުން ފަރުވާ ބޭނުންވާ މީހުންނަށެވެ.
އާސަންދައިގެ ދަށުން ބޭރުގެ 57 ހޮސްޕިޓަލަކުން ހިދުމަތް ލިބޭނެ އެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ ހޮސްޕިޓަލްތަކެވެ.
މަނިޕާލް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަން ގޮސްއުޅޭ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެންމެ ހިދުމަތް ރަނގަޅު އެއް ހޮސްޕިޓަލެވެ.