ވާހަކަ މުނިފޫހިފިލުވުން

ކުރުވާހަކަ: ފުރަމެންދަން

  • Kuruvaahaka:Furamendhan
އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ގުރޫޕް ހަދާފައި ފަޅުރަށްތަކަށް ދަތުރު ދިއުމާއި އިރުއޮއްސޭ ވަގުތާއި ދިމާކޮށް މަހަށް ދިއުމަކީ ޝާޔަލް އަބަދު ވެސް ވަރަށް ކުރާ ހިތްވާ ކަންކަމެވެ. ރައްޓެހިންނާއެކު ރޭގަނޑު ކޮފީއަށް ދިއުމަކީ އޭނާގެ އުފަލެވެ. ޒުވާން ދުވަސްވަރު ކަށީގައި ހިފި އެ އާދަތަކަށް ކައިވެންޏަށް ފަހު ވެސް ބަދަލެއް ނައެވެ.

Ads by STELCO

ޢާއިލާގެ މެންބަރުންނާއި ފިރިމީހާގެ ޢާއިލާ މެންބަރުންނާއި އެކު ވެސް ދަނޑިފަންދަތުރުތަކެއް ކުރެވިއްޖެއެވެ. އެންމެ ފަހަރަކު ވެސް ފަޅުރަށެއްގައި ރޭކޮށްލާކަށް ނުދެވެއެވެ. އެތައް ފަހަރަކު އެވާހަކަ ދެއްކިއްޖެއެވެ.

ނަވާލްގެ އޮފީސް މުއައްޒަފުންނާއެކު، ރޭކުރާގޮތަށް ފަޅުރަށަކަށް ދަތުރު ދިއުމުގެ ފުރުސަތު ލިބުން ވެގެން ދިޔައީ ޝާޔަލަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ. އެތައް ދުވަހެއް ވާންދެން ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހުނު ކަމަކަށެވެ.

ދަތުރުގެ ބައިވެރިން ގިނައެވެ. ދެމަފިރިންގެ ހަ ޖޯޑާއި ހުސްހަށިބައި ތިން ޒުވާނުން ތިއްބެވެ. އަންހެނަކާއި ދެ ފިރިހެނުންނެވެ. ހިލްމާގެ ފިރިމީހާއަށް ދަތުރުގައި ބައިވެރި ނުވެވުމުން އޭނަ އައީ އެކަންޏެވެ. އެންމެން ވެސް ވަރަށް ގުޅެއެވެ. ޝާޔަލްމެން ފަދަ އޮފީސް މީހުންގެ އަނބިންނާއި ފިރިން ވެސް އޮފީސް މީހުންނާއި ތަފާތެއް ނެތެވެ. ހުރިހާ މީހުން ވެސް ތިބީ އުފާވެ ހިތްހަމަ ޖެހިފައެވެ.

ދަތުރަށް ފުރީއްސުރެ ޝާޔަލް އިނީ ނަވާލް ކައިރީގައެވެ. އިރުކޮޅަކަށް ވެސް ދުރަށް ޖެހި ނުލައެވެ. ކަމެއް ދިމާވެއްޖެނަމަ އެހީއެއް ވެވޭނީ ވީހާ ވެސް ކައިރީގައި ހުރެގެންކަން ކަމަށް ޝާޔަލް ގަބޫލު ކުރެއެވެ.

ރޭކުރަން ފަޅުރަށަކަށް ގޮސް އުޅުނު ދިވެހިން ތަކެއްގެ ތެރެއިން މީހަކު މަރާލާފައި އޮއްވައި ފެނިއްޖެ ކަމަށް ނޫސްތަކުގެ ފަލަސުރުހީއަށް އެރުމާއެކު އެންމެން ވެސް އަވަސްވެގަތީ އެކަމުގެ ތަފްސީލް ހޯދާށެވެ. ބައެއް ނޫސްތަކުގައި ވާގޮތުން އެއީ ޒުވާން ފުރައިގެ ފިރިހެނެކެވެ. މަރާލާފައި ވަނީ ބޮލަށް ހަމަލާ ދީގެންނެވެ. މަރުވުމުގެ ކުރިން ޖިންސީ ހަރަކާތެއް ހިންގާފައިވާކަމުގެ އަލާމާތްތައް ފެނިފައިވާއިރު މަރާލާފައި އޮއްވައި ފެނުނު އިރުވެސް އޭނާ އޮތީ އޮރިޔާން ނިވާނުވާ ހާލުގައެވެ. ޕޮލިހުން މިހާރު ވެސް އެރަށުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ދަތުރުގެ ބައިވެރިން ޕޮލިހުންގެ ބެލުމުގެ ދަށުގައި ތިބިއިރު މަރާލާފައި އޮއްވައި ފެނުނު ޒުވާނާގެ އަންހެނުން ވެސް އެތަނުގައި ހުއްޓެވެ.

ޕޮލިހުން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ވާހަކަ ދައްކަމުން ދިޔައީ އަދީލް އެވެ. އަދީލަކީ މިދަތުރުގެ އިސްވެރިޔާ އެވެ.

އިރު އޮއްސުމާއެކު އަދީލާއި ޒުމާން ދިޔައީ މަސް ބާނާށެވެ. ބައެއް ދިމާއިން ގޮނޑުދޮށާއި ފަރު ވަރަށް ކައިރިއެވެ. ގޮނޑުދޮށުގަ ހުރެގެން ފަރުމައްޗަށް ނަނު އެއްލައިގެން މަހެއް ބޭނިދާނެ ކަމަށް އަދީލް ބުންޏެވެ. ދަތުރު އައީ އެކަމަށް ވެސް ތައްޔާރު ވެގެންނެވެ. އަދީލަކީ އެކަމަށް މާ ފޯރި ހުންނަ މީހެކެވެ.

ރޭގަނޑަށް ކެއްކުމާއިގެން އަންހެންވެރިންގެ ތެރެއިން ބަޔަކު އުޅުނު އިރު އެމީހުނަށް އެހީވުމާއިގެން ވެސް ދެ ފިރިހެނަކު އުޅުނެވެ. ޝާޔަލް އާއި ނަވާލް އުޅުނީ ކުކުޅު ކޮށައި ސާފު ކުރުމުގެ މަސައްކަތުގައެވެ. ރޭގަނޑުގެ ކެއުމަށް ކުކުޅާއި އަލުވި އަދި ސޮސެޖާއި މަސް ފިހުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. މިފަދަ ދަތުރެއްގެ ރޭގަނޑުގެ ކެއުން އެ ތަކެއްޗާއި ނުލައި ފުރިހަމަ ނުވާނެ ކަމަށް އެންމެން ވެސް ބުނަމުން ދިޔައެވެ.

އަލިފާން ރޯކުރުމަށް ހާއްސަ ކޮށްފައިވާ ފީފާ ފަޅީގެ ތެރެއަށް ލަކުނޑި އާއި ނާށި ފަދަ ތަކެތި އަޅައި އަލިފާން ރޯކުރުމުގެ މަސައްކަތުގަ ނާސިޒާއި ރަހުމާން އުޅުނެވެ. އެމީހުނަށް އެހީތެރިވުމާއިގެން ސާޖިދާ އާއި ސުލްތާނާ ވެސް އުޅުނެވެ.

" އަނބި ރީތީ ހެވިއްޔާ. " ޝާޔަލްމެންގެ ފަހަތުން ދިޔަ ހިލްމާ ނަވާލަށް ބަލާލަމުން ބުނެލިއެވެ. އޮފީސްތެރޭގައި އޮންނަ ރަހުމަތްތެރި ކަމުގެ ސަބަބުން ވެސް މީހަކު އެހެން ބުނެފާނެއެވެ. ހިލްމާއަށް ޝާޔަލް ބަލާލީ އެފަދަ ބެލުމަކުންނެވެ.

ހިލްމާގެ މޫނުމަތިން ޝާޔަލަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެ ބެލުމާއި އެ ބުނުމުގައި އެހެން މާނައެއް ފޮރުވިފައިވާ ކަހަލަ އެވެ.

ކެއިން ބުއިމާއި މަޖާކުރުންތައް ކުރިޔަށް ދިޔައީ ވަރަށް ވެސް ފޯރިއާ އެކުގައެވެ. އެކުވެރިކަމާ އެއްބައިވަންތަކަމާ މަޖާކުރުންތަކާ އެކުގައެވެ. ލަވަ ޖަހައި ނެށުމާއި ލަވަބާޒީ ކުރުން ފަދަ އެތައް ހަރަކާތެއް ކުރިޔަށް ދިޔައެވެ.

އެންމެފަހުން ނިދަން ވަތް މީހަކީ އަދީލް އެވެ. އޭރު ހުރިހާ ފިރިހެނުން ވެސް ނިދާން ތިއްބެވެ. އޭގެކުރިން އަންހެންވެރިން އެމީހުންގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ފަތިސްނަމާދު ކޮށްގެން ކޮފީއެއް ބޯލައިގެން ރަށުތެރެ ބަލާލުމަށް ނުކުތް އަދީލް މިސްރާބު ޖެހީ ރަށުގެ އިރުވާކޮޅާއި ދިމާއަށެވެ. ރަށުތެރެ ބަލާލުމުގެ އިތުރުން އިރު އަރާ މަންޒަރު ފޮޓޯ ނަގާލުމަށް ޓަކައެވެ.

ރަށުގެ އިރުވާކޮޅާއި ދިމާއަށް ހިނގަމުން ދިޔަ އަދީލަށް ރުކެއް ކައިރީ ބިންމަތީގައި އޮތް އަންހެން ކުއްޖާ ފެނުމާއެކު އެ ދިމާއަށް ދުއްވައި ގަނެވުނެވެ. އެ މީހުންނާއިއެކު އައި މީހެއް ފިޔަވާ އެހެން މީހެއް އެ ރަށުގައި ނުހުންނާނެކަން އަދީލަށް ޔަގީނެވެ.

އަނގަ ވަތަށް ކަހަލަ ގޮތަކަށް ބިންމައްޗަށް ވެއްޓިފައި އޮތް ހިލްމާގެ ހެއެއް ނެތެވެ. ނިތްކުރިން ތަންކޮޅެއް ފަޅައިގެން ގޮސް ލޭ އައިސްފައި ހުއްޓެވެ. ދުވެފައި އަންނަނިކޮށް ރުކުގައި ލައިގެންފައިވާ ކަހަލައެވެ.

ހިލްމާ ނަގައި އަތްދަނޑި މައްޗަށް ލައިގެން ދުވެފައި ގެއަށް އައި އަދީލް އެންމެ ފުރަތަމަ ގޮވީ ނަތާސާ އާއި ރައިހާނާ އަށެވެ. ރައިހާނާއަށް ހޭލެވުނު ނަމަވެސް ނަތާސާ އަކަށް ނުހޭލެވުނެވެ.

ހިލްމާ ކޮޓަރިއަށް ވައްދައި އޭނާ ހޭއެރުވޭތޯ ރައިހާނާ އާއި އަދީލް މަސައްކަތް ކުރަމުން ދިޔައިރު ވެސް ނަތާސާ އާއި ދެން ތިބި އަންހެންވެރިން ތިބީ ނިދާފައެވެ. ކޮޓަރިތެރޭގައި ކަމެއް ހިނގަމުންދާ ކަމުގެ ހިލަމެއް ވެސް އެ މީހުންނަކަށް ނުވެއެވެ.

އެތައް އިރަކު މަސައްކަތްކޮށް ކާމިޔާބެއް ކުރިއެރުމެއް ނުލިބުމުން ރައިހާނާ ގޮސް ޝާޔަލަށް ގޮވިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދީ އެހީއަކަށް އެދުނެވެ. ޝާޔަލް ފުންމައިގެން ތެދުވިއެވެ. ކުރިން ނުގޮވީ ކީއްވެތޯ އެހިއެވެ. ހަރަކާތްތަކުން ފާޅުވީ ކަންބޮޑުވުމާއި ހައިރާން ކަމެވެ. ނުތަނަވަސް ކަމެވެ.

ޝާޔަލްއަކީ ދިވެހި ރެޑްކުރެސެންޓްގައި މަސައްކަތް ކުރާ ތަޖުރިބާކާރު ފަސްޓްއެއިޑެކެވެ.

ޝާޔަލް ކުރި މަސައްކަތުން ފަސޭހަކަމާއިއެކު ހިލްމާ ހޭއެރިއެވެ. ހޭއެރުމާއިއެކު އަޑުގެ ކޮޅަށް ރޯން ވެސް ފެށިއެވެ. ފުރަތަމަ ވެސް އެހީ ނަވާލް ކޮބައިތޯ އެވެ. އެބިރުވެރި މަޚްލޫޤުގެ ކިބައިން ނަވާލް ސަލާމަތްވިތޯ އެވެ.

ހިލްމާގެ ސުވާލުތަކާއިއެކު ޝާޔަލްގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. އަވަސް އަވަހަށް ބޭރަށް ނުކުތެވެ.

އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ދިޔަ ޝާޔަލް އެނބުރި އައީ ދުވެފައެވެ. ހާސްވުމާއި ކަންބޮޑުވުމުގެ އިތުރުން ނުތަނަވަސްކަން އޭނާގެ ކިބައިން ފެންނަން ހުއްޓެވެ.

" ކޮބާ ނަވާލް ؟ .... ކަލޭ ކީކޭ ތިޔަ ކިޔަނީ ؟ ހަމަ މިހާރު ބުނޭ އޭނާ ވީތަނެއް. " ވާހަކަ ދައްކާ ނުނިމެނީސް ޝާޔަލަށް ރޮވިއްޖެއެވެ.

ރައިހާނާ އާއި އަދީލް އަވަސްވެގަތީ ދެން ތިބި އެންމެން ހޭލައްވާށެވެ. ކަމެއް ހިނގައިގެން އުޅޭކަން އަންގައި ދޭށެވެ. މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށެވެ.

ނަވާލް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ރަހުމާނުމެނަށް ނަވާލް ފެނުނީ އެމީހުން ދިރިއުޅެމުން ދިޔަ ގެއާއި މާ ދުރުނޫން ހިސާބެއްގެ އަތިރިމަތިންނެވެ. ރުކެއްގެ ހިޔަލުގައި ހުރި ސަންބެޑެއް ކައިރީ ބިންމައްޗަށް ވެއްޓިފައި ނަވާލް އޮތްއިރު ބޯފަޅައިގެން ގޮސް ބައިވަރު ލޭ އައިސްފައި ހުއްޓެވެ. މާ ދުރުނޫން ހިސާބެއްގައި ލަކުނޑި ދަނޑިގަނޑެއް އޮތެވެ. އޭގައިވެސް ލޭ ހުއްޓެވެ. ނަވާލް ތިރިން ލައިގެން ހުރި އަންނައުނުތައް ހުރީ ތިރިކޮށްފައެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ނަވާލް ފެނިއްޖެ ކަމަށް ބުނުމާއެކު ޝާޔަލްގެ ހަބަރު ހުސްވެގެން ވެއްޓިއްޖެއެވެ.

ހިލްމާ ހަމައަކަށް ނޭޅެއެވެ. ރޮނީ އެވެ. ނަވާލަށް ހަމަލާ ދިނީ އެހެން ކަހަލަ މަހުލޭގެއް ކަމަށާއި މިރަށަކީ ތިބެން ހެޔޮވާވަރުގެ ރަށެއް ނޫން ކަމަށް ބުނެ މިހާރުން މިހާރަށް ފުރައިގެން ދިއުމަށް އާދޭސް ކުރަނީއެވެ. އެހެން ނޫނީ އެންމެން މަރާލާނެ ކަމަށް ބުނަނީ އެވެ.

މަރުވެފައިވާ ނަވާލްގެ ހަށިގަނޑާއި ދަތުރުގެ ބައިވެރިން ގޮވައިގެން ޕޮލިހުން މާލެ ދިޔައެވެ.

ޕޮލިހުން ހޯދި ހޯދުންތަކުން ފެނުނު ހެއްކާއި ހިލްމާގެ ވާހަކަތަކަށް ބެލުމުން އެކަމުން ހިލްމާ ސަލާމަތް ވާނެ އެއްވެސް ގޮތެއް ނެތެވެ. ނަވާލް މަރާލީ އޭނާ ނޫންކަމަށް ހިލްމާ ބުނަމުން ދިޔަ ނަމަވެސް އެކަން ސާބިތުކޮށެއް ނުދެވުނެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނެވެ.

" ނޫނޭ ބުނާކަށް މަ ހަމަ ހައިރާން ވެއްޖެ. ކަލޭ ތީ ކެތްތެރި ކުޅަދާނަ މީހެއް. " ނަވާލް މަރާލާފައި އޮއްވައި ފެނުނު ރޭގެ ހާދިސާއާ ބެހޭގޮތުން ވާހަކަ ދައްކަން ޝާޔަލް އާއި ރައިހާނާ ތިބީ ޝާޔަލްގެ ކޮޓަރީގައެވެ. އެރޭ ހިނގާ ދިޔަ ކަންތައް އެންމެ ރަނގަޅަށް އެނގޭނީ ޝާޔަލަށްކަން ރައިހާނާއަށް ޔަގީންވީ އެރޭ ފެނުނު ބައެއް މަންޒަރުގެ ސަބަބުންނެވެ.

ރައިހާނާ ބޭނުންވި ފަދައިން ޝާޔަލް އެވާހަކަތައް ކިޔައިދޭން އެއްބަސްވިއެވެ. ޝާޔަލްގެ ހުށަހެޅުމާއި ރައިހާނާ ވެސް އެއްބަސްވިއެވެ.

" އާން. ޔަގީނުން ވެސް މަށެއް ކިޔައެއް ނުދޭނަން. " ބުރުގާ ރަނގަޅު ކޮށްލަމުން ރައިހާނާ ވާހަކަ ދެއްކިއެވެ. ކުއްލި އަކަށް ރައިހާނާ ބުރުގާ ރަނގަޅު ކޮށްލުމުގެ ފަހަތުގައި ސިއްރެއް ފޮރުވިފައި އޮވެދާނެ ކަމަކަށް ޝާޔަލް އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ.

ނުހަނު އަރާމުގައި ނިދާލާފައި އޮތް ޝާޔަލަށް ހޭލެވުނީ ފޯނެއް ރިންގުވާ އަޑަށެވެ. އަވަސް އަވަހަށް ބަލާލިއިރު ހިލްމާ ފޯނަށް ޖަވާބު ދެނީ އެވެ.

ވަރަށް މަޑުމަޑުން އެހާމެ ސިއްރުން ކޮންމެ ވެސް އެއްޗެކޭ ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. ވަށައިގެން ބަލާލި ގޮތުން ހީވީ އެއްވެސް މީހަކު ހޭލާ އޮތްތޯ ބަލާލި ހެންނެވެ. ޝާޔަލް އޮތީ އެކަމަށް ވިސްނައި ސަމާލުކަން ދީގެންނެވެ.

ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ އިސްތަށިގަނޑު ރަނގަޅު ކުރަމުން ގޮސް ކޮޓަރިން ނުކުތެވެ. ދޮރު ލެއްޕުމުގެ ކުރިން ދެވަނަ ފަހަރަށް ވެސް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.

ޝާޔަލްގެ ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައިވާ ގަޑިއެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީ އެވެ.

މެންދަމު ބާރައިގެ ފަހުން އެއްވެސް މީހަކު ގެއިން ނުނިކުތުމަށް އެންމެން ވަނީ އެއްބަސް ވެފައެވެ. އެގޮތަށް އެންމެން އެއްބަސްވެފައި ހިލްމާގެ ޢަމަލުތައް އެހެން ގޮތަކަށް ހުރުމުން އޭނާ ކުރާކަމެއް ބަލާލުމުގެ ޝަޢުޤުވެރިކަން ޝާޔަލްގެ ހިތުގައި އުފެދުނެވެ.

ޝާޔަލް ގޮސް ކުޑަދޮރުގެ ފޮތިގަނޑު ދުރަށް ޖައްސައި ފެންޑާތެރެއަށް ނަޒަރު ހިންގާލިއިރު ހިލްމާ ގޮސް ގެއިން ނުކުންނަނީ އެވެ.

ފަޅުރަށެއްގައި މިހާ ދަންގަޑިއެއްގައި ހިލްމާ އެކަނި ބޭރަށް ނުދާނެކަން ޝާޔަލަށް ޔަގީނެވެ. ހިލްމާއަކީ މީހެއްގެ އަނތްބެކެވެ. ވަޒީފާގެ ކަންތައްތައް ހުރިގޮތުން އޭނާގެ ފިރިމީހާއަށް މިދަތުރުގައި ބައިވެރި ނުވެވުނީއެވެ. އެކަމާ އޭނަ ވަރަށް ދެރަވެގެން ވެސް އުޅުނެވެ.

މިހާ ދަންގަޑިއެއްގައި އެހާ ސިއްރުން ހިލްމާ ކުރާކަމެއް ބަލާލުމުގެ ޝަޢުޤުވެރިކަން އިތުރުވުމުން، ޝާޔަލް އައި ގޮތަށް އައިސް އޭނާގެ އެނދުގެ ބެޑްޝީޓް ނެގިއެވެ. ބެޑްޝީޓް އަތަށް ގުޅަކޮށްލަމުން ޝާޔަލް ގޮސް ފެންޑާއަށް ނުކުތްއިރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

ކުޑަދޮރުތަކުގެ ފޮތިގަނޑު ކަހާލަމުން ބޭރު ބަލާލިއިރު ކޮންމެ ވެސް ފިރިހެނެއްގެ އަތުގައި ހިފައިގެން ހިލްމާ ގޮސް ގޮނޑުދޮށަށް ފައިބަނީ އެވެ. ފެނުނު މަންޒަރުގެ ސަބަބުން ޝާޔަލްގެ ޝައުޤުވެރިކަންވީ ހައްތަހާ އިތުރެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ. މިރޭ މީ ވަގު ހިފާ ރެއެވެ.

ޝާޔަލް ވެސް ގެއިން ނުކުމެގެން އެ މީހުންގެ ބޯކުރި ބަލަމުން ހިނގައިގަތެވެ. ބިރެއް ސިހުމެއް ޖެހިލުމެއް ނެތިއެވެ.

ބިމުގައި ރަސްކަން ކުރަމުން ދިޔަ މިލަހަނދުވަރުގެ އަލިކަމުގެ ތެރެއިން އެއީ ކާކުކަން ދެނެގަންނާކަށް ޝާޔަލަކަށް މާގިނަ ވަގުތު ބޭނުމެއް ނުވިއެވެ. ހިލްމާގެ އަތުގައި ހިފާލައިގެން އެދަނީ ތެދުވެރިކަމާއި ވަފާތެރިކަމުގައި އެފަދަ ދެވަނައެއް ނުހުންނާނެ ކަމަށް އޭނާ ބުނަމުންދާ އޭނާގެ ފިރިމީހާ ނަވާލް އެވެ.

އެމީހުންގެ ހަރަކާތްތަކާއި ޢަމަލުތައް ހުރިގޮތުން އިތުރަށް މީހަކު ބުނާނެ އެއްޗެއް ނެތެވެ. އެ ދެމެދުގައި ވަނީ އިސްގީ މަސްތީ ގުޅުމެކެވެ. ދެމީހުން ވެސް ތިބީ ވަގުތަކަށް ފެން ބޮވައިގެންފައިވާ ފަދައަކުންނެވެ. ތިބެވުނު ތަނެއް ވަގުތެއް ހާލަތެއް މުހިންމެއް ނުވިއެވެ. ފިރިމީހާ ނުލައި ހިލްމާ މިއައީ މި ބޭނުމުގައިކަން ޝާޔަލަށް ޔަގީންވިއެވެ.

ނަވާލް ބޭނުންވި ފަދައިން ހިލްމާ ގެނެސް މޭގައި ޖައްސާލަމުން ބައްދާލިއެވެ. ހިލްމާ ވެސް ބައްދާލިއެވެ.

ބޮޑު ބުރުގާ އަޅައި މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ގުނަވަނެއް ނިވާކޮށްގެން އުޅޭ ހިލްމާ، ނިވާކަންކުޑަ އެ ހެދުމުގައި މިދަންވަރު ބޭރަށް ނުކުތީ ވެސް އެބޭނުމުގައި ކަންނޭނގެއެވެ. ނަވާލް ބޭނުންވި ކޮންމެ ފުރުސަތެއް ފަހިކޮށްދެމުން އެއްބާރުލުން ދެމުން ދިޔައީ އުފަލާއި އެކުއެވެ.

ފެނުނު މަންޒަރުގެ ސަބަބުން ވީ ދެރައަށްވުރެ ބޮޑަށް ރުޅި އައެވެ. ހިތުގައި އުފެދުނު ރުޅިވެރިކަން ކޮންޓްރޯލުން ނެއްޓިއެވެ. ވަގުތާއި ހާލަތުގެ ބޭނުން ހިފާލުމަށް ހިތް އެދުނެވެ. ބޯމަތިން ބެޑްޝީޓް އަޅައި ކާކުކަން ނޭނގޭނެ ގޮތަށް މުޅިހަށިގަނޑު ނިވާކޮށްގެން ހުރި ޝާޔަލްގެ ލޮލުގައި އަޅައިގަތީ އެތާ ބިންމަތީހުރި ދަރުފުންޏެވެ. އަތަށް ހެޔޮވަރު ފަލަ ހަތަރު ފަސްވަރަކަށް ފޫޓް ދިގު ލަކުނޑިފަތިގަނޑެއް އަތަށް ނަގަމުން ސަމާލުވިއެވެ.

އިސްގީ މަސްތީ ސަހުވާނީ އެދުންވެރިކަމާއިގެން ހައްދުފަހަނަ އަޅާފައި ތިބި ހިލްމާ އާއި ނަވާލަކަށް އެތަނުގައި އެހެން މީހަކު ހަރަކާތްތެރި ވަމުންދާ ކަމުގެ ހިލަމެއް ނުވެއެވެ. އެމީހުން ތިބީ އެހެންކަމެއް އިހުސާސް ވާވަރަށްވުރެ ބޮޑަށް އެކަމުގެ ތެރެއަށް ގެނބި ހުސްވެފައެވެ.

ލަކުނޑިފަތިގަނޑު އަތަށް ހެޔޮވަރު ކޮށްލަމުން އެމީހުނާއި ދިމާއަށް އައި ޝާޔަލް ފެނުނީ ހިލްމާ އަށެވެ. ފެނުނު މަންޒަރުން ގަތްބިރާއިއެކު ރޮއިގަންނަމުން ސަލާމަތަށް އެދި ގޮވަމުން ހިލްމާ ދުއްވައިގަތެވެ. ޝާޔަލް ހޫރާލި ފަތިގަނޑު ޖެހުނީ ނަވާލްގެ ބޮލުގައެވެ. ސަލާމަތަށް އެދެމުން ނަވާލް ލަވައިގަތް ހަޅޭކާއިއެކު ހަރަކާތް ހުސްވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

އަތުގައި އޮތް ފަތިގަނޑު މޫދާއި ދިމާއަށް ހޫރާލަމުން ޝާޔަލް ދުއްވައިގަތީ ހިލްމާގެ ހޯދާށެވެ. ޝާޔަލަކަށް ހިލްމާއެއް ނުފެނުނެވެ. ކޮޓަރިއަކު ވެސް އޭނާއެއް ނެތެވެ.

ނަސީބަކީ ވެސް އެކި ފަހަރު އެކި ގޮތަށް ލައްވާލާ އެއްޗެކެވެ. ފުރުސަތުގެ ބޭނުން ހިފުމަށް ޝާޔަލް އަވަސް ވިއެވެ. އެނދުގައި ބެޑްޝީޓް އަޅައި ރަނގަޅު ކޮށްލަމުން އަވަހަށް އޮށޯވެ ނިދާކަމަށް ހަދައިގެން އޮތީ އެވެ. އެހެން މީހަކަށް ތަނެއް ދޮރެއް ނޭނގެއެވެ.

ނަވާލް މަރުވުމުން އެކަމާއި ހިތާމަކޮށް ޝާޔަލް އުޅުނު ހާލު އެންމެނަށް ވެސް ފެނުނެވެ. އެތައް ބަޔަކު އޭނާއަށް ހިތްވަރާއި ނަސޭހަތް ދިނެވެ.

" އެކަހަލަ މީހުން މައިތިރި ކުރެވޭނީ އެކަހަލަ ގޮތަކަށް. " ޝާޔަލްގެ ވާހަކާގައި ބައިވެރިވަމުން ރައިހާނާ ބުންޏެވެ.

ޝާޔަލް އާއި ރައިހާނާގެ ވާހަކަތައް ނުނިމެނީސް ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ.

ޚިޔާލެއް ފިކުރެއްނެތި ޝާޔަލް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީ މިފަދަ ވަގުތެއްގައި މަންމަ ނޫން އެހެން މީހަކު ނާއްނާނެކަން އެނގޭތީ އެވެ.

ޕޮލިހުން ދައްކާލި ކޯޓު އަމުރާއިއެކު ދެމީހުންގެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައެވެ. އެންމެ ރަނގަޅަށް ސިކުނޑި މަސައްކަތް ކުރަނީ ތިމާގެ ކަމަށް ޝާޔަލަށް ހީވި ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. ރައިހާނާގެ ބުރުގާ ތެރޭގައި ހަރުކޮށްފައިވާ މައިކު ބޭނުން ކޮށްގެން ޕޮލިހުން ދިޔައީ ޝާޔަލް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަމުން ރެކޯޑް ކުރަމުންނެވެ.

ހިލްމާގެ މައްޗަށް ކުށް ސާބިތުވެ މައްސަލަ ނިމުނީ ކަމަށް ޝާޔަލަށް ހީވި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ޕޮލިހުން ދިޔައީ ޝާޔަލްގެ ފިޔަވަޅުތަކަށް ފާރަލައި ބަލަމުންނެވެ. ވަގުތަށް އިންތިޒާރު ކުރަމުންނެވެ. އެކަމުން ސަލާމަތްވުމަށްޓަކައި ދައްކާނެ ވާހަކައެއް ދެއްކޭނެ ހެއްކެއް ނެތުމުން ޝާޔަލް އޭނާގެ ކުށަށް އިއުތިރާފް ވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!