ޚަބަރު

 މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދަން މިނިސްޓަރު އެދިވަޑައިގެންފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް

ގަސް އިންދުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، ކޮންމެ މީހަކުވެސް "މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް" އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އެދިވަޑައިގެންފި އެވެ.

Ads by STELCO

މިނިސްޓަރު އެހެން އެދިވަޑައިގެންނެވީ، ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން" ގެ ނަމުގައި އިއްޔެ ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ގައި ވާހަކަދައްކަވަމުން ނެވެ.

އެ ރަސްމިއްޔާތުގައި ތޯރިގު ވިދާޅުވީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމަށެވެ.

އަދި ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ގޮވާލައްވަމުން އޭނާ ވަނީ ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. "ގޯ ގްރީން" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިއާރުގެ ދަށުން 1000 ގަސް އިންދުމަށް އެޗްޑީސީ އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގާ މަޝްރޫއު އެކެވެ.

ރަސްމިއްޔާތުގެ ބައިވެރިން ވަނީ ހުޅުމާލޭގައި ގަސް އިންދުމުގެ މަޝްރޫއު ފަށާފައެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ މިނިސްޓަރު ތޯރިގެވެ.

މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ މީހުން ބައިވެރިވިއިރު އޭގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!