ޚަބަރު ރައްޔިތުންގެ މަޖިލިސް

ފްލެޓުގެ ވާނުވާ ބަލަން ހައުސިން މިނިސްޓްރީ ކޮމިޓީއަށް ހާޒިރުކުރަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ގެދޮރުވެރިކަމާއިބެހޭ ވަޒީރު ޑރ. ހައިދަރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގެ ފަހުކޮޅު ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށް ހައުސިން މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމައިފި އެވެ.

Ads by STELCO

މިގޮތަށް ކޮމިޓީގެ އިއްތިފާގުން ނިންމީ، އެ ސްކީމްގެ ދަށުން ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާފައިވާ ބައެއްގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނެއްގެ ދިރާސާއަށެވެ. މިދިޔަ 19 ވަނަ މަޖިލީހުން ވެސް ވަނީ އެ ޕެޓިޝަންގެ ދިރާސާއަށް ހައުސިން މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްފައިވެ އެވެ.

އެ ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވީ ހައުސިން މިނިސްޓްރީގެ ވެރިން ހާޒިރުކުރަނީ މައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް ބެލުމަށެވެ. އެއަށް ފަހު މިނިސްޓްރީން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭސީސީ ހާޒިރުކުރާނެ އެވެ.

"އަޅުގަނޑުމެން ހިނގާ ނިންމަމާ ހުރިހާ އެންމެންގެ އިއްތިފާގުން ހައުސިން މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކޮށް، މިކަންތައްތައް މިހާރު އޮތް ހިސާބެއް، އޭސީސީއިން އެބޭފުޅުންނަށް ލިބިފަ އޮތް މައުލޫމާތު މުރާޖާކުރުން. އެއަށްފަހުގައި ހައުސިން މިނިސްޓްރީން ލިބޭ އިންފޮމޭޝަންއަކަށް ބަލާފަ އަޅުގަނޑުމެން ދެން ދާނީ އޭސީސީއަށް." މުގައްރިރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ، އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެ ކޮމިޝަނުޖން ނިންމީ އޭރު ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ފްލެޓު މައްސަލައިގައި ނިންމަންޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް 'ގެދޮރުވެރިންގެ ކޮމިޓީ' ގެ ނަމުގައި ފަސް މެންބަރުންގެ ކޮމިޓީއެއް އެެއް ވަނީ އެކުލަވާލާފަ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!