150 ބައިވެރިންނާ އެކު އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަށަނީ
ދުނިޔޭގެ އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް މިއަދު ފެށުމަށް ނިންމައިފި އެވެ.
މިއަދުން ފެށިގެން ބުރާސްފަތި ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދާ މި ކޮންގްރެސްގައި ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ.
މި ކޮންރެސްއާ ގުޅިގެން އެމްއޭސީއެލް އިން ބުނީ ކޮންގްރެސްގެ އެކި ހަރަކާތްތައް ތިން ރިސޯޓެއްގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން:
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގެ ޓުއާއެއް މިއަދު ހެނދުނު ދީފައިވޭ
- މަންދޫބުންނަށް މަރުހަބާ ކިޔާނީ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި މިއަދު ހަވީީރު
- ނެޓްވޯކިންގެ ހާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި އޮންނާނެ
- ކޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސް ގައި
އެމްއޭސީއެލް އިން ބުނިގޮތުގައި މި ކޮންގްރެސްގައި ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެން ގަައުމުތަކުގެ އިސްފަރާތްތަކާ ހިއްސާކުރާނެ ކަމަށެވެ. އަދި އެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ހާއްސަ ސްޓޯލްއެއް ވެސް ހުންނާނެ ކަމަށެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރުމަށް ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ.މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.