ބޭނުންހާ ވާހަކައެއް ނުދައްކަން ރިޔާސަތުން މުހައްމަދު އިސްމާއިލަށް އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި "ބޭނުންހާ ވާހަކައެއް" ދެއްކުމުގެ ފުރުސަތު މެންބަރުންނަށް ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ކޮންސްޓަކްޝަން މިނިސްޓަރުު އަބްދުﷲ މުއްތޮލިބު ވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.
މިނިސްޓަރާ ސުވާލުކުރައްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮންމެ ސަރުކާރަކަށް ވެސް އޭނާ ނިސްބަތްވެވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަތިން ހަނދާން ވަނީ އިންތިހާބަކާ ކައިރިވުމުން ކަމަށެވެ. އަޑުހަރުކޮށް، މެންބަރު ދައްކަވަން ފެށުމުން ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް އެކަން ހުއްޓުވި އެވެ.
އެއަށް ފަހު މަޖިލީސް ރައީސް ވިދާޅުވީ މުހައްމަދު އިސްމާއިލް ދެއްކެވީ ހުށަހަޅާފައިވާ ސުވާލުގެ މައުލޫއާ ނުގުޅޭ ވާހަކައެއް ކަމަށެވެ. އެހެންވެ އެގޮތަށް އަމަލުނުކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރެއްވި އެވެ.
"ބޭނުން ގޮތަކަށް ފުލޯގައި އަޑުގަދަކުރުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެހެންމަ އިށީނދެ ވަޑައިގަންނަވާ. މިހާރު މަޖިލީހުގެ ގަވާއިދާ ހިލާފަށް ތި އަމަލުކުރައްވަމުން ގެންދަވަނީ. މަޖިލީސްގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އިއްޒަތްތެރި މެމްބަރަށް ތަކުރާރުކޮށް ދަންނަވަން." އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިއްޒަތްތެރި ވަޒީރުންނާއިި ސުުވާލުކުރައްވަން ވަޒީރުން މަޖިލީހުގެ ތަޅުމަށް ގެނެސްފަ ވަޒީރާ އެ ދުވަހު ކުރެވޭ ސުވާލާ އެއްގޮތަކަށް ވެސް ދިމާނުވާ ހިސާބުން މަޖިލީހުގައި ފުރުސަތު ނަންގަވައިގެން ބޭނުންހާ ވާހަކައެއް ދައްކަން މި ރިޔާސަތުން ފުރުސަތެއް ނުދޭނެ ވާހަކަ މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން."
އެހެންވެ، ރިޔާސަތުން މުހައްމަދު އިސްމާއީލަށް ސުވާލު ފުރިހަމަ ކުރުމުގެ ފުރުސަތެއް ވެސް ނުދެއްވަ އެވެ.