ނަހަމަ ގޮތުގައި ރައްޔިތުންނަށް ޖާސޫސް ކުރުމުގެ ބޭރު ފުލުހުންނަށް ދެވިގެން ނުވާނެ: އަޒާން
ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ސަރުކާރެއް ވެސް ވެރިކަމަށް އައިސްދާނެ ކަމަށާއި, އެފަދަ ހާލަތެއްގައި ވިޔަސް ނުހައްގުން ރައްޔިތުންނަށް ޖާސޫސް ކުރެވޭ ގޮތަށް ޤާނޫނު ބައްޓަން ކުރެވިގެން ނުވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ, ސަރުކާރުގެ ފަރާތުން ސައިބާ ކްރައިމާއި ގުޅޭ ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޒާތީ މުއާމަލާތްތައް އިންޓަރސެޕްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މިއަދު ދެއްކެވި ވާހަަކަފުޅުގައެވެ.
އަޒާން ވިދާޅުވީ, މި އިސްލާޙްގެ ސަބަބުން އިންޓަރނެޓް މެދުވެރިކޮށް ކުރާ ކުށްތައް ދެނެގަނެ އެކަން ހުއްޓުވަން ފުލުހުންނަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ. މިކަމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ނަމަވެސް, މީގެ ބޭނުން ބާރުތަކުން ނަހަމަ ގޮތުގައި ނުހިފޭނެފަދަ ގޮތަކަށް ޤާނޫނު ބައްޓަން ކުރަން ޖެހޭނެ ކަމަށް އަޒާން ވިދާޅުވިއެވެ.
"ފުލުހުންނާއި މިފަދަ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކަށް މިފަދަ ބާރުތައް ދޭއިރު ބަލަން ޖެހޭ. އަޅުގަނޑުމެން އަބަދު ވެރިކަމުގައި ނުތިބޭނެކަން ވިސްނަން ޖެހޭ, ބާރުތައް އެބިއޫސް ކުރާ ސަރުކާރެއް އައިސްދާނެ ކަމާމެދު ވެސް ވިސްނަން ޖެހޭ" އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ އެހެން ބައެއް ގައުމުތަކުގައި މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި އެމީހަކު މޮނިޓަރކޮށް ސަވައިލަންސް ކުރާނަމަ އެމުއްދަތުގައި އެކަން ކުރުމަށްފަހު އެމީހަކަށް ނޮޓިފައި ކުރަން ޖެހޭނެ އުސޫލުތައް ހެދިފައި ހުންނަ ކަމަށެވެ. އެކަމުގެ ސަބަބުން ތުހުމަތު ސާބިތު ނުވެއްޖެނަމަ ކޯޓުގައި އެކަން ޗެލެންޖްކޮށް ހައްޤު ހޯދުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން ސަވައިލެންސްގައި ހުންނަ މީހާއާއެކުގައި ދިރިއުޅޭ ފަރާތްތަކުގެ ޑޭޓާ ވެސް ފުލުހުންނަށް މިފަދަ ކޭސްތަކުގައި ލިބޭނެކަން ފާހަގަ ކުރައްވަމުން އަޒާން ވަނީ ތުހުމަތު ނުކުރެވޭ މީހާގެ ޑޭޓާތައް ނައްތާލެވޭނެ މެކޭނިޒަމެއް އޮންނަން ޖެހޭނެކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ.
އަޒާން ވިދާޅުވީ ކޮމެޓީ މަރުހަލާ ނިމިގެން ބިލް އަނބުރާ މަޖިލިސް ތަޅުމަށް އަންނައިރު މިފަދަ އިސްލާހުތައް ބިލްގައި ހިމެނޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.