ޚަބަރު

ތިމާވެށީގެ މައްސަލަތަކުގައި އާންމުންނަށް މިނިސްޓަރާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ތިމާވެއްޓާ ބެހޭ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ޙަސަން އާ އެޕޮއިންޓްމަންޓާ ނުލާ އާއްމުންނަށް ބައްދަލުކުރެވޭނެ އިންތިޒާމު އެމިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

Ads by MWSC

މިނިސްޓަރު ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާއަހަރުގެ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު މިފުރުސަތު ޢާއްމުންނަށް އޮންނާނެކަމަށެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00 އިން 10:00 އަށް ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މިއީ މިފަދަ ފުރުސަތެއް ވަޒީރަކު އާއްމުންނަށް ހުޅުވާލައިގެން ދެއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މިފުރުސަތާއެކު ރަށްރަށުގައި ހުރި ތިމާވެށީގެ މައްސަލަތަކާއި އާއްމުން ކަންބޮޑުވާ ފަދަކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ހުރި ގިނަ ކަންބޮޑުވުންތަކެއް ސީދާ ރައްޔިތުން މިނިސްޓްރީގެ އެންމެ އިސް ފަރާތްތަކާ ހިއްސާކޮށް މަޝްވަރާކޮށްގެން އެދެވޭ ނަތީޖާތަކެއް ނެރެވޭނެކަމަށް މިނިސްޓްރީން ޤަބޫލުކުރައްވައެވެ.

ދެފުށް ފެންނަ ގޮތަށް އާއްމުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. ތިމާވެއްޓާ ގުޅޭގޮތުން ތަފާތު ޕްރޮޖެކްޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ތިމާވެށީގެ ދާއިރާއިން ރާއްޖެ ދަނީ ވަކާލާތުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!