ޤަވާއިދާ ޚިލާފަށް އުޅޭ ދެ ބިދޭސީން ރޭ ވެސް ހައްޔަރަށް

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ރޭ ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ދެ ބިދޭސީ އަންހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އާއްމުންނަށް ރިޕޯޓު ކުރެވޭގޮތަށް ހުޅުވާލި "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމާ އެކު މި އޮޕަރޭޝަން ކުރިޔަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެ ކަމަށާއި ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
"އިމިގްރޭޝަން ވޮޗް"ގެ އެހީގައި އާންމުންނަށް 24 ގަޑިއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެ އެވެ. އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.