ރަސްމާލެ އާއި ގުޅިފަޅު މަޝްރޫއު ހިންގާ ސީއެމްއީސީގެ ޗެއާމަނާ ޒަމީރު ބައްދަލުކުރައްވައިފި
ރަސްމާލެ އާއި ގުޅިފަޅު މަޝްރޫއު ހަވާލުކޮށްފައިވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ގެ ޗެއާމަން އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރައްވައިފި އެވެ.
ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ ސީއެމްއީސީގެ ޗެއާމަން ވެންގް ބޯއާ އާއެކު ވަރަށް އުންމީދީ ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް ހާއްސަކޮށް ސޯޝަލް ހައުސިން އަދި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެ ކުންފުނިން ދެމުން އަންނަ އެއްބާރުލުން ޝުކުރުވެރިކަމާ އެކު ޒަމީރު ވަނީ ފާހަގަކުރައްވާފަ އެވެ. ސީއެމްއީސީ އަކީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިނާވެށި ތަރައްގީކުރަން ހަވާލުކޮށްފައިވާ ކުންފުނިވެސް މެ އެވެ.
މިހާރު ހިނގަމުންދާ ރަސްމާލެ އާއި ގުޅިފަޅު މަޝްރޫއުގެ ތެރެއިން ސީއެމްއީސީ އާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
ސީއެމްއީސީގެ އިތުރުން ޒަމީރު ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އަދި ޗައިނާ ޓިއަންޔިންގް ގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުންތަކުގައި ފޮރިން މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް އެ ގައުމަށް އިއްޔެ ޒަމީރާއި ރާއްޖޭގެ ވަފުދުން ވަޑައިގެންނެވިއިރު، މި ދަތުރުގައި މިނިސްޓަރު، ޗައިނާގެ ފޮރިން މިނިސްޓަރާ އެކު ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ކުރާ މި ދަތުރުގައި ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާ އެކު ޒަމީރު މަޝްވަރާ ކުރައްވާނެ ކަމަށެވެ.