މުނައްވަރު ޗައިނާގައި ހުންނެވުމުން އިންޓަވިއު ކުރެވޭ ގޮތް ނުވި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރަކަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭނާއާއި މިއަދު އިންޓަވިއު ނުކުރެވުނެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ. އެހެންވެ މިއަދުގެ ކޮމިޓީ ބައްދަލުވުން ބޭއްވީ އެ މައްސަލައާ ގުޅިގެން މަޝްވަރާ ކުރުމެވެ.
އެ ބައްދަލުވުން ފައްޓަވާދެއްވަމުން ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވީ އޭނާ ގަސްތުކުރައްވައިގެން ހުންނެވީ މިއަދު މުނައްވަރާ އިންޓަވިއުކުރެއްވުމަށް ކަމަށެވެ. އެކަމަކު މުނައްވަރު ރާއްޖެއިން ބޭރުގައި ހުންނެވުމުން އެކަން ކުރެވެން ނެތް ކަމަށެވެ.
"އަޅުގަނޑު އުޅުނީ އެންމެ ފުރަތަމަކަމަކަށް އިންޓަވިއުކުރަންވެގެން ޑރ. މުނައްވަރާ. އެކަމަކު މުނައްވަރު ރާއްޖޭގައި ވަޑައިގެން ނެތީމަ މިއަދު އެ އައިޓަމެއް، އިންޓަވިއުއެއް ނުކުރެވޭނެ" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މުނައްވަރު މިހާރު ހުންނެވީ ޗައިނާގަ އެވެ.
މުނައްވަރަށް ރުހުން ދިނުމާ ގުޅޭ މި މައްސަލަ އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އެމްއެމްއޭގެ ގާނޫނު ބުނާގޮތުން އެއްވެސް ސަަބަބަކާ ހުރެ ގަވަރުނަރުގެ މަގާމު ހުސްވެއްޖެ ނަމަ، 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ އެވެ. އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް ވަކިކުރީ އިއްޔެ އެވެ.
މަޖިލީހުގެ ކޮމިޓީން ގޮތެއް ނިންމާނީ މުނައްވަރުއާއި އިންޓަވިއުކުރުމަށްފަހު އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރާނީ ކޮމިޓީން ފޮނުވާ ރިޕޯޓާ މެދު މަޝްވަރާކޮށް، ވޯޓެއް ނަގައި ފާސްކުރުމަށްފަހު އެވެ.
ކޮމިޓީން ވަނީ މުނައްވަރަކީ ގަވަރުނަރުގެ ޝަރުތުހަމަވާ މީހެއްތޯ ބެލުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކަށް ސިޓީ ފޮނުވާފަ އެވެ.