ރަލާއި މަސްތުވާތަކެތި ދޫކޮށްލާށެވެ.ﷲ އެދިވޮޑިގެންވަނީ ތިބާ އެއިލާހަށް އެނބުރި ރުޖޫޢަ ވާށެވެ.
އެހެނިހެން މަޚުލޫޤުންނާއި އިންސާނުން ތަފާތު ކުރެވިފައި ވަނީ ބުއްދީގެ ސަބަބުންނެވެ. އެހެންކަމުން އިންސާނުންނަށް ﷲ ތަޢާލާ ދެއްވި ވަރުގަދަ ވިސްނުމާއި ބުއްދީގެ މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުން މަތީ އަބަދުމެ ދެމި ތިބެން ޖެހެއެވެ. ތިމާގެ ބުއްދިއަކީ ތިމާގެ އަމިއްލަ ބާރުގެ ދަށުގައިވާ އެއްޗަކަށް ވާން ޖެހެއެވެ.
ބުއްދި ރައްކާތެރި ކުރެއްވުމުގެ ގޮތުން ،ބުއްދި ފިލައިގެން ދާ ސަބަބެއް ކަމުގައިވާ ރަލާއި މަސްތުވާތަކެތި ބޭނުން ކުރުން އިސްލާމް ދީނުގައި ވަނީ ހަރާމްކުރައްވާފައެވެ.
މަސްތުވާ ދިޔާ އެއްޗެއްސާއި ހިކި އެއްޗެއްސަކީ އިންސާނާގެ ބުއްދި ފިލައި ގޮސް މީހާއަށް ވާނުވާ ނޭނގޭ ހިސާބަށް މީހާ ވާސިލްކުރުވާ އެންމެ އާންމު އަދި އެންމެ ނުބައި ވަބާއެވެ. މަސްތުވާތަކެތީގެ ބައެއް ބާވަތްތަކަކީ، ޠަބީޢީ ނުވަތަ ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ތަކެއްޗެވެ. އަނެއްބައި ތަކެއްޗަކީ، ޞިނާޢީ އެއްޗެއްސެވެ. އޭގެ ތެރޭގައި، މީހާ ހިމޭންކުރުވާ ބާވަތްތަކާއި، ބާރުގަދަކުރުވާ ބާވަތްތަކާއި، ޙަޤީޤަތެއްނެތް ހުވަފެންތައް ދައްކުވައިދޭ ބާވަތްތަކާއި، އޭގެ ވަސް ބަލައިގެން ތާސީރު ހޯދޭ ބާވަތްތައް ހިމެނެއެވެ.
މާޢިދާ ސޫރަތުގެ 91 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿91﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ
މާނައީ:- شيطان އާ އެދޭކަން ކަށަވަރީ، ރަލާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)
ޝައިތާނީ ވަސްވާސްތަކަށް ތަބާވެ ، ހުރިހާ ފާފަތަކަށް އިންސާނާ ލައްބުވާ ، މަގު ފަހި ކުރުވާ އެއްޗަކީ މަސްތުވާ ތަކެއްޗެވެ. ނުވަތަ ބަނގުރަލެވެ. ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީޘްކުރައްވާފައިވާގޮތުގައި، ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމައެވެ.
ބައެއް މީހުން ދެކޭގޮތުގައި، ބަނގުރަލަކީ މަސްތުވާ ހިކި އެއްޗިއްސާއި އެއްފަދައިން ޙަރާމް އެއްޗެއް ނޫނެވެ.ނަމަވެސް، މިއީ ކުށްހީއެއްކަން، ރަސޫލާގެ ޙަދީޘްފުޅުން ކަނޑައެޅިގެން އެނގެން އެބައޮތެވެ. އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުގެ މާނައިގައިވެއެވެ.
''މަސްތުވާ ކޮންމެ އެއްޗަކީވެސް، ބަނގުރާއެކެވެ. ކޮންމެ ބަނގުރާއަކީ ވެސް ޙަރާމް އެއްޗެކެވެ.''
އެކަލޭގެފާނުގެ އެހެން ހަދީޘެއްގައި ވެއެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހަކު ރާ ބޮއެފިކަމުގައި ވާނަމަ ސާޅީސް ދުވަސް ވަންދެން އޭނާކުރާ ނަމާދު ޤަބޫލު ނުކުރައްވާ ހުއްޓެވެ”
ޝައްކެއް ނެތެވެ. ނުރައްކަލަކަށް ތިމާގެ ނަފުސު އެއްލާލުމަކީ ހަމަޖެހޭ އެއްވެސް މީހަކު ކުރާނޭ ކަމެއް ނޫނެވެ. ނަމަވެސް ޙައިރާން ވާން ޖެހޭ ކަމަކީ، ތަޢްލީމާއި ހޭލުންތެރިކަން އިތުރުވަމުންދާ މިޒަމާނުގައި، މަސްތުވާތަކެތި ބޭނުންކު ރުން ފަދަ، ކަނޑައެޅިގެން ގެއްލުމާއި ހަލާކު ހުރި ކަންކަމުގައި ޝާމިލުވާމީހުން އިތުރުވަމުންދާ ދިއުމެވެ. ޤައުމުތައް ބިނާކޮށް، ތަރައްޤީގެ އެންމެ އުސް ހަރުފަތްތަކާއި ހަމައަށް ގެންގޮސްދި ނުމުގެ ފުރިހަމަ ބާރާއި ޤާބިލްކަން ލިބިފައިވާ، ޒުވާނުންވެސް، މިވަބާގައި '' ފަނާވަމުން ދާކަމީ '' އެންމެ ބޮޑު ހިތާމައެވެ.
މި ފަނާވަނިވި ދުނިޔޭގައި މަސްތުވާތަކެއްޗާއި ރަލުގައި މަޖާކޮށް ޕާޓީކޮށް އުޅޭ އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ތިބާދެކެ ލޯބިވެ ވޮޑިގެންވެއެވެ. އެއިލާހު އެދިވޮޑިގެންވަނީ އެއިލާހުގެ މަގަށް ރުޖޫޢަ ވުމަށެވެ. ކިތަންމެ އަހަރެއް ވަންދެން ، ކިތަންމެ ގިނަ ފާފައެއްގައި ނަފުސް ތަޣައްޔަރު ކޮށްފައިވި ނަމަވެސް މެއެވެ. އެއިލާހަށް ދަންނަވާށެވެ.
ޔާ ރައްބީއެވެ! އޭ މިއަޅާގެ ވެރި އިލާހެވެ! މިއަޅާގެ ފާފަ ފުއްސަވައިދެއްވާންދޭވެއެވެ. މިއަޅާ އިބަ ﷲ ގެ މަގުގައި ސާބިތު ކުރައްވާންދޭވެ!
ﷲ ތަޢާލާއީ ފާފަ ފުއްސެވުމަށް ލޯބި ކުރައްވާ އިލާހެވެ. އެއިލާހުގެ "ކޯޓް" ގައި ތިބާގެ ފަތްފުށްތައް ހުޅުވާލެވޭނެކަން ވިސްނާ ، އެ ފަތްފުށްތައް ޒީނަތްތެރި ކުރާށެވެ. ބަނގުރަލުގެ ތެރޭގައި ދުނިޔޭގެ ދުވަސްތައް ހޭދަ ކުރަމުންދާއިރު ނަރަކައިގެ އަހުލުވެރީންނަށް ހުރި ބުއިމާ މެދު ފިކުރު ކޮށްލާށެވެ. އެއީ އޭގެ އެންމެ ތިއްކެއް ދުނިޔެއަށް ވައްޓާލިޔަސް މުޅި ދުނިޔެ ސުންނާފަތި ވާނޭ ޒައްގޫމެވެ.