ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންނަށް އުފާވެރި، ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

މި ފެށުނު 2020 ވަނަ އަހަރުގެ ތެރޭގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިތާބުގައެވެ.

އެ ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރަކީ މުޅި ރާއްޖޭގައި ޞުލްޙަވެރިކަން ޤާއިމުކުރެވުނު އަދި ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، ޢާއިލީ އަދި އިޖުތިމާޢީ ގުޅުންތަކުން، މުޖުތަމަޢުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއް ކަމަށެވެ.

އަދި އަންނަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމާއި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އައު އަހަރަކާ ރާއްޖެ ކުރިމަތިލަނީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ބަދަލުތަކުން އަޅުގަނޑުމެންނާ ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އައު މަރުޙަލާއެއް ކަމަށެވެ.

"އަޅުގަނޑުމެންނާ ދެން ބައްދަލުކުރާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ މުޅިން އައު ފެށުމެކެވެ. ދިވެހިން ދެކެން ފަށާނީ، މުޖްތަމަޢުގައި އަންހެނުންނަށް ޙައްޤުވާ މަޤާމު ލިބިދީ، އަންހެނުން ބާރުވެރިވެގެންދާ، މާ އުފާވެރި ދުވަސްތަކެކެވެ" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ލާމަރުކަޒީ ގާނޫނާއެކު ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްޤީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް މިހާރު ވަނީ ފުރިހަމަ މިނިވަންކަން ދެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މުހިންމު ބަދަލުތަކާއެކު، ތަރައްޤީގެ ރާސްތާގައި، މުޅި ދިވެހި އުންމަތް، ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމަކީ، ވަރަށް ބޮޑަށް އުއްމީދުކުރާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގައިވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކުމެ، ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާއަކަށް ރާއްޖެ ގެންގޮސްދިނުމަށް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!