ހަކުރާހުރާ ރިސޯޓުން އަލާމާތްތައް ހުރި މީހަކު ފެނުމާ ގުޅިގެން ގިނަ ބަޔަކު އެކަހެރިކޮށްފި
ސިނަމަން ހަކުރާހުރާ ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނުމާ ގުޅިގެން ގިނަ ބަޔަކު އެކަހެރިކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ކޭސްއާ ގުޅިގެން އެކަހެރި ކުރި މީހުންގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ 17 މުވައްޒަފަކާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ އެއް މުވައްޒަފެއްގެ އިތުރުން ޓީއެމްއޭގެ ތިން މުވައްޒަފުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ ސިނަމަން ހަކުރާހުރާގެ އިން ޝައްކުކުރެވުނު މީހާގެ ސާމްޕަލްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން 20 ވަނަ ދުވަހު މާލެ އައި މީހަކު ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ޓެސްޓް ހެދުމަށް އޭނާ އެކަހެރިކޮށްފައިވާ ކަމަށެވެ. އޭނާއާ ގުޅިގެން ވެސް މާލޭގައި އިތުރު ކޮންޓެކްޓް ޓްރޭސިން ހެދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.