މިއަހަރު ތެރޭ ހުރިހާ އަތޮޅު ހޮސްޕިޓަލަކުން ޑައިލެސިސްގެ ހިދުމަތް ލިބޭނެ: ހަލީލް
މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލެސިސްގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބަސް ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހަލީލް ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.
ވަޒީރާ ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވަނީ އެ ދާއިރާގެ ރަށްތަކުގައި ޑައިލެސިސް ހިދުމަތް ގާއިމްކުރެވޭނެ ތާރީހާކަ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ތެރޭގައި އަތޮޅު ހޮސްޕިޓަލް ތަކުގައި ޑައިލެސިސްގެ ހިދުމަތް ފެށުން ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"އެ މަސައްކަތް (ޑައިލެސިސް ހިދުމަތް ގާއިމްކުރުން) ކުރިއަށް އެބަދޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރު ކުރެވޭ މަސައްކަތްތަތަކަށް ބަލާއިރު މި އަހަރު ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލުތަކުގައި އެ ހިދުމަތް ގާއިމްކުރެވޭނެ" މިނިސްޓަރު ވިިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ދެ އަތޮޅެއްގެ ހޮސްޕިޓަލެއްގައި ޑައިލެސިސް ހިދުމަތް ގާއިމްކުރުމަށް ބޭނުންވާ މެޝިނަރީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ތަންތަނުގައި ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.