ޚަބަރު

ކޮވިޑް-19: ހަކުރާހުރާ އާއި އިތުރު ތިން ރިސޯޓަކުން ނެގި ސާމްޕަލްތައް ނައްސި

ކޮވިޑް-19އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ސިނަމަން ހަކުރާހުރާ ރިސޯޓާއި، ކްލަބް މެޑް ކަނިފިނޮޅު ރިސޯޓާއި، އަނަންތަރާ ދިގު ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި މީހުން އެ ވައިރަހަށް ނައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ވައިރަހަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކުލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނައްސިވުމާ ގުޅިގެން އެ ރަށްތައް މޮނިޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށެވެ.

ހަކުރާހުރާ ރިސޯޓުން ޝައްކު ކުރެވުނު މީހާއާ ކޮންޓެކްޓުވި ބަޔަކު މިއަދު ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ކަސްޓަމްސްގެ 17 މުވައްޒަފަކާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ މުވައްޒަފެއްގެ އިތުރުން ޓީއެމްއޭގެ ތިން މުވައްޒަފެކެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ފައްސިވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!