ޗައިނާއިން ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފި
ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފިއެވެ.
100،000 ޗައިނީސް ޔުއާންގެ (224،754 ރުފިޔާގެ_ މިތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާއެވެ.
ޓެސްޓް ކިޓް ހަވާލުކުރެއްވުން ކުރިއަށް ދިޔައީ ޗައިނާގެ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި އެމްބަސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ގުޅިގެން މިއަދު ކުރިއަށްދިޔަ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައެވެ.
މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ "ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" އާއި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" އާ ދެމެދު އެއްބަސްވުމެއްގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢަލީ އާމިރެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ "ސިޗުއަން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" ގެ ފަރާތުން ޗީފް އެގްރޮނޮމިސްޓް ޝޫ ބިން އަދި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" ގެ ފަރާތުން ޕްރެޒިޑެންޓް މޫ ޖިންގއީއެވެ.
މި އެއްބަސްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ވެށީގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ފަތްޕިލާވެއްޔާއި ތަރުކާރީ އަދި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކޮށްދިނުމާއި، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދުދިނުން ހިމެނެއެވެ.
ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ސްޕެޝަލިސްޓުންނާއި ސައިންޓިސްޓުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދާ، ތަމްރީނު ޕްރޮގްރާމްތަކާއި، ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ފަހިކޮށްދިނުންވެސް މި އެއްބަސްވުމުގެ ދަށުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ކަމާގުޅުންހުރި އެކި ދާއިރާތަކުން ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުން މި އެއްބަސްވުމުގައި ހިމެނޭކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.