ކިންސްގްސްޓޮންގެ ސައިކަލް ސްކޭމްގައި ޖެހުނު އިތުރު މީހުން ތިބިތޯ ބަލަނީ

މަކަރާއި ހީލަތުން ފައިސާ ނަގައިގެން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސްކޭމްގައި ބަޔަކު ޖެހިފައިވޭތޯ ބެލުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއް ގައި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ސްކޭމްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.
ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ކިންގްސްޓޮން އިން ގިނަ އަދަދެއްގެ ބޮޑެތި އަދަދުން ޑައުންޕޭމަންޓާއި ފުލް ޕޭމަންޓް ނަގައިގެން އުޅޭ މައްސަލަ ފެންމަތިވަމުން އަންނަތާ ދުވަސްތަކެއްވެއްޖެ އެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައިވާ މީހުން ބުނެފައިވަނީ ގުޅީމަ ފޯނު ނުނަގާ ކަމަށެވެ. އަދި ސައިކަލު ނޫނީ ޕޭމަންޓް އަނބުރާ ދޭން ވެސް އެ މީހުން ވަނީ އެދިފައެވެ.
ކޮންމެ ފަހަރަކު ވަކި މުއްދަތެއް ދިން ނަމަވެސް މުއްދަތު ފަހަނައަޅާ ދާއިރުވެސް ހަބަރެއް ނުވެ އެވެ. އެގޮތުން ޕޭމަންޓް ދެއްކުމަށްފަހު ސައިކަލު ލިބޭނެ ކަމަށް ބުނެ ތާރީހު ފަހަނަ އަޅާ ދިޔަތާ އަހަރެއް ހާ ދުވަސް ވެފައި ވެސް އެބަ ހުއްޓެވެ.
އެކަމާ ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި ކިންގްސްޓޮންގެ ޝޯރޫމް ކައިރިއަށް އެއްވެ ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.