ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރަށް ރައީސްގެ މަރުހަބާ

ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރަކަށް ހަމަޖެއްސި ޑރ. މުހައްމަދު ޔޫނުސްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މަރުހަބާ ވިދާޅުވީ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ އެ ގައުމުގައި އެއްބައިވަންތަކަމާއި ސުލްހަ ގާއިމު ވުމަށް ދިވެހިރާއްޖޭން އެދޭ ކަމަށެވެ.
"ޒަމާންވީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އަދި ގާތް ބައިވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒަޢާމަތުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް އެއްބައިވަންތަކަމާއި ސުލްހަމަސަލަސްކަމާއި ފާގަތިކަމަށް ރާއްޖެއިން އެދެން," ރައީސްގެ ޕޯސްޓުގައިވެ އެވެ.
ބަންގްލާދޭޝްގައި 2009 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫކޮށް ވަޑައިގެންފައިވެ އެވެ. އެއީ އެ ގައުމުގެ ޔުނިވާސިޓީ ދަރިވަރުން ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ވަރުގަދަވެ، އޭނާ ފަހަތަށް ޖެހުމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ވެސް އަންގާފައިވަނިކޮށެވެ.
ނޮބެލްގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސްއަކީ ފަގީރުންނަށް ކުދި ލޯނުތައް ދީގެން އެތައް ބައެއްގެ ދިރިއުޅުން ބަދަލުކޮށްދީ، އެ ގައުމުގެ ޔުނިވާސިޓީ ދަރިވަރުންގެ މެދުގައި ވެސް މަގުބޫލު ޝަހުސިއްޔަތެކެވެ.
ހަސީނާގެ ވެރިކަމުގައި ޔޫނުސްއަށް ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ. މިދިޔަ ޖެނުއަރީ މަހު ޔޫނުސްގެ މައްޗަށް ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފްވި ކަމަށް ބުނެ ހަ މަސް ދުވަހަށް ޖަލަށްލުމާ އެކު 5،000 ޓާކާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފަ އެވެ.
Temp mail This is really interesting, You’re a very skilled blogger. I’ve joined your feed and look forward to seeking more of your magnificent post. Also, I’ve shared your site in my social networks!