ޚަބަރު

ބިން ހިއްކާ, ހަންކެޑެ ބްރިޖް ނިންމައިފި; "މިއީ އައްޑޫ ތަރައްގީގެ ބިންގާ"

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އައްޑޫ ހަންކެޑެ ބްރިޖް

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އިން އައްޑޫ ސިޓީގައި ބޮޑު ތިން މަޝްރޫއެއް ނިންމާ ސަރުކާރާ ހަވާލުކޮށްފިއެވެ.

Ads by MWSC

އެއީ އައްޑޫ ސިޓީ 4 ލޭން ޑިޓުއަރ ލިންކް ރޯޑާއި, އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.

އައްޑޫ ސިޓީ 4 ލޭން ޑިޓުއަރ ލިންކް ރޯޑް ނުވަތަ ހަންކެޑެ ބްރިޖަކީ ފަތުރުވެރިކަމަށް ތަރައްޤީކުރަން ކަނޑައަޅާފައިވާ ރަށް، "ހަންކެޑެ" ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރި މަގެކެވެ. މި ބްރިޖް ހަދަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެފްކޮންސް އިންނެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 21، 2021 ގަ އެވެ. އައްޑޫ ގޮނޑުދޮށް ހިމާޔަތްކޮށް ބިން ހިއްކުމަށް އިންޑިއާގެ ވެންއޫޑު އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މާޗު 27، 2022 ގައެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ވަނީ 184.3 ހެކްޓަރުގެ ބިން ހިއްކާފައެވެ. މީގެ ތެރޭގައި ހިމެނީ ހިތަދޫން ހިއްކި 80 ހެކްޓަރުގެ ބިމާއި، މަރަދޫން ހިއްކި 76 ހެކްޓަރުގެ ބިމާއި، މަރަދޫ ފޭދޫން ހިއްކި 3.3 ހެކްޓަރުގެ ބިމެވެ. އަދި ފަތުރުވެރިކަމަށް ޚާއްޞަކޮށް ހިއްކި 8.3 ހެކްޓަރުގެ 3 ރަށްވެސް ހިމެނެއެވެ.

އައްޑޫ ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 7 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާ ހިމާޔަތްކޮށްފައެވެ.

ހަންކެޑަ ޕްރޮޖެކްޓަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިމަޝްރޫޢު ނިމޭއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެއެވެ.

މި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު އައްޑޫއަށް ކުރަމުންދާ ދަތުރުފުޅުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޑރ.ސުބްރަމާނިޔަމް ގެ އިތުރުން ރާާއްޖޭގެ ހާރިޖީވަޒީރު މޫސާ ޒަމީރު އަދި  ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވީ, މި ޕްރޮޖެކްޓްތަކަކީ އައްޑޫގެ ތަރައްޤީގެ ބިންގާ ކަމަށެވެ.

"މުސްތަގުބަލަށް ބަލާއިރު މި ހުރިހާ މަޝްރޫއެއްވާނީ އައްޑޫއަށް އަންނަ ކުރިއެރުމާއި ތަރައްގީގެ ބިންގާތަކެއް ކަމަށް." އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ އައްޑޫގެ މަގުތައް ހަދައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އިންޑިޔާގެ މާލީ އެހީތެރިކަމާއެކު މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަަށެވެ. އަދި މި މަޝްރޫއަކީ އައްޑޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ދެކުނުގެ މަގުތަކަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަމަށެވެ. އެއާއެކު އިންޑިއާއާއެކު އިތުރު ތަރައްޤީގެ ޕްރޮޖެކްޓްތައް އަންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!