ޚަބަރު

ރައްޔިތުން އޮބެހެއްޓުމާއި ހަންމަތަކުރުމުގެ ސަގާފަތް ދަނީ ފުޅާވަމުން: ޑިމޮކްރެޓްސް

އަލީ ސަމާޙް ، ދެން އޮންލައިން
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރައްޔިތުން އޮބެހެއްޓުމާއި ހަންމަތަކުރުމުގެ ސަގާފަތް ފުޅާވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އިން މިއަދު ބުނެފި އެވެ.

Ads by STELCO

އެ ޕާޓީން އެހެން ބުނީ މިއަދު ފާހަގަކުރަމުންދާ "ކަޅު ހުކުރު" ދުވަހާ ގުޅުވައި ނެރުނު ބަޔާނެއްގަ އެވެ.

މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމާއި އެ ވެރިކަމުގައި ރައްޔިތުންނަށް ނުހައްގުން ލިބެމުން ދިޔަ އަނިޔާތަކާއި ދެކޮޅަށް، އިސްލާހަށް މަސައްކަތްކުރި ބަޔަކު ތެދުވެ، ޖުމްހޫރީ މައިދާނުގައި 2004 ވަނަ އަހަރުގެ އޮގަސްޓް 12 އަދި 13  ދެ ދުވަހު މެދުކެނޑުމެއް ނެތި އިހުތިޖާޖުކުރުމާއި ގުޅިގެން އޭގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާތީ އެވެ.

އެ ދުވަހާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާއާއި ބިރުވެރިކަމުގެ ތެރެއިން އޭރު ރައްޔިތުން ކުރި މިންނަތް މަސައްކަތުން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ޑިމޮކްރެޓިކް ގާނޫނުއަސާސީ އެއް ހާސިލުކުރެވި، ޑިމޮކްރެޓިކް ވެރިކަމެއް ފުރަތަމަ ފަހަރަށް 2008 ގައި ގާއިމުކުރެވުމަކީ ހޯދުނު ބޮޑު ކާމިޔާބީ އެއް ކަމަށެވެ.

"އަދި ޖަލުގައި ގައިދީންނަށް އަނިޔާކުރުމުގެ ސަގާފަތް ހުއްޓުވިފައިވުމީ ލިބުނު ކުރިއެރުމެކެވެ"

އެ ބަދަލުތަކާ އެކު ދެންވެސް ރައްޔިތުން އުއްމީދުކުރި، އަދި ގާނޫނުއަސާސީ ތަސައްވުރުކުރި ބޮޑެތި ބަދަލުތައް މިހާރު ފޮރޮޅިގެން ގޮސްފައިވާ ނުކިއްސަރު މަގާމެދު ކަންބޮޑުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ ރައްޔިތުންގެ ހައްގުތަކާއި ބާރުގެ މައްޗަށް ނާޖާއިޒުގޮތުގައި ވެރިކަމުގެ ބާރު އިސްކުރަމުން ގެންދަނީ އެކިއިރު އެކިގޮތް ގޮތަށް ކަމަށެވެ.

"ތަންފީޒީ ބާރުތައް ނޫނަސް، ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ މާލީ ބާރުވެރިކަމާއި އެއާއި ގުޅޭ ވަޒީފާތަކާއި މަސައްކަތްތަކާއި ހިދުމަތްތައްފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން އޮބެހެއްޓުމާއި ހަންމަތަކުރުމުގެ ސަގާފަތް ދަނީ ފުޅާވަމުންނެވެ" - ދަ ޑިމޮކްރެޓްސް

އެ އަނިޔާއާއި ނާއިންސާފު ނެތިކޮށްލުމަކީ ރައްޔިތުން ކުރި އުއްމީދެއް ކަމަށާއި އެ ޕާޓީ ދެމިއޮންނާނީ އަނިޔާވެރިކަމާއި ދެކޮޅު އަދި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް ކުރިއެރުވުމުގެ ވިސްނުމާއި ފިކުރުގެ ބިންގާ މަތީގައި ކަމުގެ ޔަގީންކަން ދަ ޑިމޮކްރެޓްސްއިން ދިނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!