"ޔަންގް ޑިމޮކްރެޓްސް" އިން ޒުވާނުންގެ ދުވަސް ފާހަގަކޮށް، ޕާޓީގެ ޒުވާނުންގެ ހިންގާ ގަވާއިދު އެކުލަވާލައިފި

ދަ ޑިމޮކްރެޓްސް ޕާޓީގެ ޔަންގް ޑިމޮކްރެޓުން މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއެކު، މިއަދު ކުރިޔަށްދިޔަ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން ޕާޓީގެ ޒުވާނުންގެ ހިންގާ ޤަވާއިދު އެކުލަވާލައިފިއެވެ.
ޔަންގް ޑިމޮކްރެޓްސްގެ ލީޑަރ މުހައްމަދު މާސިޙް (މާޗީ) ވިދާޅުވި ގޮތުގައި، މި ގަވާއިދު ވަރަށް އަވަހަށް ޔަންގް ޑިމޮކްރެޓްސްގެ ކައުންސިލަށް ހުށައެޅި ފާސްކުރެވިގެން ދާނެއެވެ.

މާޗީ އިތުރަށް ވިދާޅުވި ގޮތުގައި، ހިންގާ ގަވާއިދު ފާސްވުމާއެކު، ޔަންގް ޑިމޮކްރެޓްސްގެ އޮނިގަނޑު އިތުރަށް ފުރިހަމަވެ، މަސައްކަތްތައް އަމަލީ ގޮތުން ބާރު ސްޕީޑެއްގައި ފެށިގެންދާނެއެވެ. މީގެ ތެރޭގައި ޒުވާނުން ސިޔާސީ ގޮތުންނާއި އެކި ގޮތްގޮތުން ބާރުވެރިކުރުމާއި، ފުރުސަތު ހޯދައިދިނުމާއި، ޒުވާނުންގެ ހައްގުގައި ވަކާލާތުކުރުން ހިމެނެއެވެ. އަދި ސިޔާސީ ގޮތުން ޒުވާނުން ކުރިއަރައި ދިއުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި މަސައްކަތްތަކުގެ ސަބަބުން ޕާޓީގެ ޒުވާނުންގެ ބައިވެރިވުން އިތުރުވެ، ޒުވާނުންގެ އަޑު އިތުރަށް އުފުލިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވިދާޅުވިއެވެ.
ޑިމޮކްރެސްޓްއަކީ އެމްޑީޕީން އުފަންވި ޕާޓީއެކެވެ. އެމްޑީޕީގެ ސިޔާސަތުތައް ކަމުނުގޮސްގެން, ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކްރެޓްސް އުފެއްދީ މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ.