ޚަބަރު

ގަފޫރުގެ ވާހަކައަށް ގާސިމް ހުރަސް އެޅުމުން ކޮމިޓީ ހޫނުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)، މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެ ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުރަސް އެޅުމުން ކޮމިޓީ ހޫނުވެއްޖެ އެވެ.

Ads by MWSC

އެކަމެއް ހިނގީ ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ކުއާޓަލީ ޑެޕްޓް ބުލެޓިން، ފިސްކަލް ސްޓްރެޓެޖީ ބަޔާންއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގް ހިމެނޭހެން އެ މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ދިޔަ ކޮމިޓީގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި، ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވި ގާސިމް މިހާރުގެ ފިނޭންސް މިނިސްޓަރާ ފުރަތަމަ ސުވާލު ކުރައްވަނީ ރާއްޖެއިން އިގްތިސާދީ ހީނަރުކަން ކުރިމަތިވެގެން އުޅެނީ ކޮން އިރެއްގައިތޯ އާއި އެ ހާލަތަށް ގައުމު ވައްޓާލި ސަބަބާ ގުޅޭ ގޮތުންނެވެ.

އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެގެން އުޅެނީ މި ސަރުކާރުގެ ސަބަބުން ނޫން ކަން ވެސް ރައްޔިތުން ސާފުކޮށް ދެއްވަން މިނިސްޓަރުގެ އަރިހުން އެމްއެމްއޭ ގަވަރުނަރުގެ މަގާމު ވެސް ކުރިން ފުރުއްވި، ތަޖުރިބާކާރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.

"ހިތި ބޭސް ބޯން ޖެހިގެން އުޅެނީ އާސަންދަ އަށް ބަދަލުތަކެއް ގެންނަން ޖެހިގެން މި އުޅެނީ މިހާރަށް ވުރެ ވައިޑް ނުގޮކޮށްގެން މިއުޅެނީ ކީއްވެގެން ކަން އަޅުގަނޑުމެންނަށް އެބަ ޖެހޭ އެނގެން، ކިތައް ބިލިއަން ރުފިޔާ ނުދެއްކިގެން މިއުޅެނީ މިއަދުގެ ސަރުކާރުން ނެންގެވި ލޯނުތަކެއްގެ ސަބަބުންތޯ އަޅުގަނޑުމެން ބަލައިލަން އެބަ ޖެހޭ އެއްޗެހި ނުދެއްކިގެ އުޅޭ ވާހަކަތޯ މި ދައްކަނީ،" މަޝްހޫރު ވިލާ ކުންފުނީގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ.

އެ ވާހަކަ ނިމުމާއެކު ގަޕޯ ވާހަކަ ދައްކަވަން ފެއްޓުމާއެކު ގާސިމް މައިކް ކަނޑާލަ އެވެ. ގަޕޯ ކައިރި ރުޅި އިސްނުކުރައްވަން ކޮމިޓީގެ ނައިބް މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އަތުގެ އިޝާރާތުން ދަންނަވަ އެވެ.

އެއަށް ފަހު ގާސިމްއާ ގަފޫރުއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށަ އެވެ. މައިކް އޮން ކުރިއިރު ގަފޫރު ވިދާޅުވަމުން ގެންދެވީ މިދިޔަ ސަރުކާރަކީ ގާސިމް ވެސް ހިއްސާވެގެން ހިންގަމުން ދިޔަ ސަރުކާރެއް ކަމަށެވެ.

"އެގްރިކަލްޗާ މިނިސްޓްރީގައި ހުންނެވި މަނިކުފާނުގެ ބޭފުޅެއް ކެބިނެޓުގައި މަނިކުފާނު ހިއްސާވާ ސަރުކާރެއް، ސިޔާސީ ބޭނުމެއްގައި ކޮމިޓީއެއް ނުއުފެއްދޭނެ" ގަޕޯ ވިދާޅުވި އެވެ.

ގަޕޯއަކީ ވެސް ވިޔަފާރިވެރިއެކެވެ. އަދި ފެހި ގާނޫނު އަސާސީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހަތަރު ދައުރު ދެމިތިއްބެވި ހަތަރު މެންބަރުންގެ ތެރޭގައި ކޮމިޓީގެ މުގައްރިރު ގާސިމާއި ނައިބު މުގައްރިރު ސަލީމާއި ގަޕޯ ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!