ރިޕޯޓް

އަރަފާތުގެ އަވައްޓެރިން: ބުޅާ ރޯ އަޑު އިވޭތާ ހަމަސް، ފިހާރަތަކަށް ބާގާ ސަބްމެރީން ވިއްކާ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކުރެވޭ މީހާ ކައްކާ ތަން

"އޭނާ ކާ އެއްޗެހި ކައްކައިގެން ޑެލިވަރީ ކުރާތާ 2 އަހަރު ވެއްޖެ" ބުޅާ މަހުން ކާތަކެެތި ހަދާކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ)ގެ ވާހަކަ އެ ސަރަހައްދުގައި އުޅޭ މީހަކު ފެށީ މިހެންނެވެ.

Ads by Sosun Fihaara

އަރަފާތު ދިރިއުޅެނީ ގަލޮޅު ސަހަރާ ގޯޅި ތެރޭގައި ހުންނަ ގ. ރަނައުރާގެއާގޭގެ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ކައްކަނީ ވެސް އެތަނުގެ ތެރޭގައެވެ.

މީގެ ދެ މަހެއްހައި ދުވަސް ކުރިން އެ ގޯޅި ތެރޭގައި ދިރިއުޅޭ ބަޔަކު އަރަފާތުގެ މައްސަލަ އިމިގްރޭޝަނަށް ހުށަހެޅިއެވެ. އެ މައްސަލަ އިމިގްރޭޝަނަށް ހުށަހެޅި ދަނޑިވަޅަކީ އިދާރާތައް ގުޅިގެން ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް ފެށި ދަނޑިވަޅެވެ.

އަރަފާތު ކައްކަމުންދަނީ 10 ގޭސް ސިލިންޑަރު ބަހައްޓައިގެން ކުޑަ ކޮޓަރިއެއްގައި!

އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު "ދެން އޮންލައިން"އަށް ބުނީ، އަރަފާތުގެ މައްސަލަ ރިޕޯޓްކުރީ ކުޑަ ޖާގައެއްގައި އެކަށީގެންވާ އަދަދަށް ވުރެ ގިނައިން ގޭސް ސިލިންޑަރު ބަހައްޓައިގެން ކައްކަމުންދާތީ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެތާގައި ދިހަ ގޭސް ސިލިންޑަރެއް ހުންނައިރު ކައްކާ ތަން ވެސް އެ މީހުންނަށް ފެނިފައި އެބަހުއްޓެވެ. އެހެންވެ އެކަމުގެ ނުރައްކާތެރިކަން މުޅި ސަރަހައްދަށް އޮތުމުން މައްސަލަ ހުށަހެޅީ ކަމަށް އެ މީހާ ބުންޏެވެ.

"ފުރަތަމަ ރިޕޯޓްކުރީ ގޭސް ސިލިންޑަރުތަކެއް ރޫމްގައި ހުންނާތީ. ހިމަހިމަ ގޯޅިއެއްގެ ތެރޭގައި ގެ ހުންނާތީ އެއީ އެހައި ރައްކާތެރިކަމަކަށް ނުވޭ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް"

އެ މައްސަލަ ރިޕޯޓް ކުރުމުން އެ ތަން ބަލަން އިމިގްރޭޝަނުން ދިޔައެވެ. އެތަނުގައި އަރަފާތުގެ އިތުރުން ދެ ބިދޭސީއަކު ދިރިއުޅެއެވެ. އިމިގްރޭޝަނުން އެތަނަށް ދިޔަ ނަމަވެސް އަރަފާތަކާ ބައްދަލެއް ނުވެއެވެ. އެވަގުތު އެތަނުގައި ހުރި މީހަކު އަރަފާތަށް ގުޅައިފައި ގެއަށް ދާން ބުނުމުން ވެސް އޭނާ ނުދެއެވެ.

އެހެންވެ ފަހުން އަންނާނެ ކަމަށް ބުނެ އިމިގްރޭޝަނުން ދިޔައީއެވެ. އެފަހުން އިމިގްރޭޝަނުން އެ ގެއަށް ގޮސްފައި ނުވާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

މައުލޫމާތު ދިން މީހާ ބުނީ އިމިގްރޭޝަނަށް މައްސަލަ ރިޕޯޓްކުރި ފަހުން އެ ކޮޓަރިން ސިލިންޑަރުގެ އަދަދު ފަހަކަށް މަދުކުރި ކަމަށެވެ.

"އޭނާ ކައްކަމުންދަނީ ކޮންމެ ދުވަހެއްގެ ވެސް 24 ގަޑިއިރު. އެހައި ކުޑަތަނެއްގައި 24 ގަޑިއިރު ކައްކަންޏާ މުޅި ގެ ހޫނު ވާނެ ވަރު ވިސްނައިލާ" - ހިމަހިމަ ގޯޅިއެއްގެ ތެރޭގައި ހުންނަ ރަނައުރާގެއާގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބުޅާ ގެންގުޅޭތާ ހަ މަސް, މަރައިފައި އޮއްވާ ފެނޭ!

"ބުޅާ ރޯ އަޑު އިވޭތާ 6 ވަރަކަށް މަސް ވެއްޖެ" އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކު މިހެން ބުނުމުން އެކަމެއް އަރަފާތު ކުރަމުންދާތާ ކިހާ ދުވަހެއްވެއްޖެ ބާއޭ ހިތައް އެރިއެވެ. ބުޅަލުމުގެ މަހުން ހަދައިފައި ހުންނަ އެއްޗެހި ގަނެވިފައި ހުންނާނީ ކިތައް މީހުންނަށް ބާވައޭ ހިތައް އަރައެވެ. އަދި ފިހާރަތަކުން އިންޓޯލަށް އެ ތަކެތި ގަނެވި ކެވިފައި ހުންނަނީ ކިތައް ދަރިވަރުންނަށްތޯ ހިތަށް އަރައެވެ.

މައުލޫމާތު ދިން މީހާ ބުނީ އާއްމުކޮށް އަރަފާތު ، ބުޅާ ހިފައި އުޅެނީ މެރީ ބްރައުން ކައިރީގައި އޮންނަ ޕާކިން ޒޯނުންނެވެ. އަދި މާލޭގެ އެހެނިހެން ސަރަހައްދުތަކުން ވެސް އޭނާ ބުޅާ ހިފާތަން ގިނަ ބަޔަކަށް ފެނިފައ ވެއެވެ.

ވާހަކަ ދެއްކި މީހާ ކިޔައިދިން ގޮތުގައި އަރަފާތު އެހެން ހިފައިގެން ގެންދާ ބުޅާ ބަހައްޓަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރުމަތީގައި އޮންނަ ކުޑަ ފުރާޅުކޮޅު މަތީގައެވެ. އެހެން ގެންދާ ބުޅާތަކަށް ކާން ނުދޭތީވެ ބުޅާތައް ރޯއަޑު އެ ސަރަހައްދުގައި އުޅޭ މީހުންނަށް އިވިފައި އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ބުޅާތަކަށް އެހެން ބަޔަކު  ކާން އަޅައެވެ. އެކަމަކު އޭގެ މާގިނަ އިރުތަކެއް ނުވަނީސް ބުޅަލަށް ކާން އަޅައިފައި ހުންނަ އެއްޗެހި ވެސް އޭނާ ކޮޓަރިއަށްލާ ކަމަށް އެ ގޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.

އޭނާ ބުނީ ކޮންމެ ދުވަހަކު ވެސް ތަފާތު ބުޅަލެއް އަރަފާތު ގެންދާ މަންޒަރު ފެންނަ ކަމަށެވެ. އޭރު އެ މީހުންނަށް ވެސް ހީވެފައި އޮތީ އަރަފާތު ކުރާ ކަމަކީ ގެ ކައިރީގައި އުޅޭ ބުޅާ ގެނެސްގެން ކާންދެނީ ކަމަށެވެ. އެކަމަކު އަސްލު ވީ ގޮތް ރޭކާލީ މާ ފަހުންނެވެ.

"ހިތަށް އެރީ ގޭކައިރީ އުޅޭ ކެޓެއް ނަގައިގެން ކާންދީ ހަދަނީއޭ, ބުޅާ ރޯ އަޑު އިވޭތީ ގޮސް ބެލިން ކޮންތާކުންތޯ ބުޅާ ރޮނީ, ކޮންމެ ދުވަހަކު ވެސް ފުރާޅުމަތިން ފެންނަނީ ތަފާތު ބުޅަލެއް"

ބަންގްލަދޭޝްގެ ކާތަކެއްޗާއި ބާގާ ފަދަ ތަކެތި ހަދާ

ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ކާތަކެތި ތައްޔާރުކޮށް "ފުޑް ޕެކޭޖް" ޑެލިވަރީކުރުމުގައި އަރަފާތު އުޅެއެވެ. އެ މަސައްކަތުގައި ވަޅޯ މަސް މާރުކޭޓަށް ވެސް އޭނާ ގޮސްއުޅެއެވެ. ކޮންމެ ދުވަހަކު ވެސް ގަވާއިދުން އޭނާ އަތުން ކާތަކެތި ގަންނަ މީހުން އުޅެއެވެ.

އޭގެ އިތުރުން ފިހާރަތަކާއި ބޭކަރީތަކަށް ވެސް ބާގާއާއި ސަބްމެރީން އަރަފާތު ވިއްކާ އުޅެއެވެ.

"ބޭކަރީއަށް ގެންދޭ ބަނަސް ކަހަަލަ އެއްޗެހި, ބާގާ ކަހަަލަ އެއްޗެހި"

އެ ހުރިހައި ތުހުމަތަކާ އެކު ގައުމު ސިއްސުވާލީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯއަކުންނެވެ.

އެ މީހުން ސޯޝަލް މީޑިއާގައި އަރަފާތު ހޯދަން ޖެހީ މެރީ ބްރައުން ކައިރިން ކޮތަޅަކަށް ލައިގެން ބުޅާ ވަގަށް ނަގާ ކަމުގެ ތުހުމަތުގައެވެ. އަދި އެ ޖަމިއްޔާއިން ބުނީ އޭނާއަކީ "ބުޅާ މަރައި، ކައްކާ އެ ތަކެތިން ކާތަކެތި ތައްޔާރުކުރާ މީހެއް،" ކަމަށެވެ.

އެއަށް ފަހު ގިނަ ބަޔަކު ބުނަމުން ދިޔައީ އެ ގޭ ކައިރިން ބުޅަލުގެ ހަށިގަނޑުގެ ބައިތައް ފެންނަ ކަމަށެވެ. ބޯ ބުރިކޮށް, ބަނޑުފަޅައިފައި ހުންނަ ބުޅާ ވެސް އެ ގޯޅި ތެރެއިން ފެނިފައި އެބަހުއްޓެވެ.

ފީލައިން ވެލްފެއާއިން އިއްޔެ ހެނދުނު 11:30 ހާއިރު ރަނައުރާގެއަށް އަރަފާތު ހޯދަން ދިޔަ ނަމަވެސް އެ ވަގުތު އޭނާ ގެއަކު ނޫޅެއެވެ. އަރަފާތު ހޯދަން އެ ޖަމިއްޔާގެ މީހުން ވަޅޯ މަސް މާރުކޭޓަށް ވެސް ދިއުމުން އޭނާ ރާއްޖޭގައި އުޅެނީ ސައްހަކޮށްކަން ޔަގީންކޮށްދޭން ވޯކް ޕާމިޓް ދެއްކުމަށް ފަހު އެ ތަނުން އޭނާ ދުވެ ފިލީކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

"އޭނާގެ ވޯކްޕާމިޓްގައި އޮންނަނީ އއ. އުކުޅަހު ކުންފުންޏެއް"

މައްސަލަ ފެންމަތިވުމާ އެކު އަރަފާތު ގެއަށް ދިޔައީ އިއްޔެ މެންދުރު ފަހު 2 ޖެހިއިރުއެވެ. ގެއަށް ދިއުމަށް ފަހު އަރަފާތު ވަނީ އޭނާ އުޅޭ ކޮޓަރީގެ ތަޅުންމައްޗަށް ބްލީޗްއަޅައި ސާފުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަަށަށް މިއަދު އަރަފާތު ގެންދިޔައީ ހެނދުނު 10:36 ހާއިރު ދިލްބަހާރު މަގުގައި ހުންނަ ސެލޫނަކުންނެވެ. ފުލުހުންނަށް ފިލުމުގެ ނިޔަތުގައި ބޯބާލައި ސިފަބަދަލުކުރަން އުޅެނިކޮށް އޭނާ ހައްޔަރުކޮށް "އަރަފާތު ފެކްޓްރީ" ބަންދުކުރެވުނު ނަމަވެސް މި މައްސަލައާއި އޭގެން ނިކުތް ކަންބޮޑުވުން އަދިވެސް އޮތީ އެ ގޮތުގައެވެ. ބިރުވެރިކަމާއި އިންޒާރެއްގައެވެ.

Ads by Ooredoo
  1. ޢިއްބެ

    ޟައްހަ ވޯކްޕާމިޓް އެބައޮތް. ތި ޖެހުނީ ކަންތަކާ މާދަމާ އޭނަ ހުންނާނީ ބޭރުގަ. މީގެ ކުރިންވެސް ވަރަށް ފޮޓޯލާފަ މީހުން ނަގާފަ ތި ޟައްހަ ޕާސްޕޯޓް އޮތީމަ އެހެރީ ދޫކޮށްލާފަ

    • ޢާޔާ

      ދޫކޮށްލާއިރަށް ރައްޔިތުން ނިކުމެ އޭނާއަށް ބުޅަލުގެ ދުނިޔެ ދައްކާލީމަ ހުންނާނީ ރަނގަޅަށް.. އެހެންނޫނީ ޑިޕޯޓުކުރިއަސް އެހެންނަމެއްގައި އަންނާނެ.