ޚަބަރު

މުޑުދާރު ތަންތަނުގައި ކާތަކެތި ތައްޔާރުކުރި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އިމިގްރޭޝަންއިން ހިންގި ރެއިޑް/ ފޮޓޯ: އިމިގްރޭޝަން

އާންމުކޮށް ފިހާރަތަކުން ވިއްކާ ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ 26 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by Sosun Fihaara

އިމިގްރޭޝަން އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އެ ރެއިޑްގައި ގަވައިދާ ހިލާފަށް އުޅޭ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވެ އެވެ.

އިމިގްރޭޝަނުން ރެއިޑްކުރީ މ.ތްރީ މޫން ނަމަކަށް ކިޔާ ގެެެއެކެވެ. އެގެއިން އާންމުކޮށް ފިހާރަތަކުން ގަންނަން ލިބޭ ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނެއް ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"އެ ގެއިން ފެނިފައިވަނީ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް" އިމިގްރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން ގ.މޫން ލައިޓް ނަމަކަށް ކިޔަ ގެއެއްވެސް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ 16 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މި މީހުން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވަނީ އެ ގޭގެ އެއް ވަނަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.

"މިތަނުގެ އެއްވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ހިދުމަތް ދެމުންދޭ. އަދި މިތަނުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވޭ." އެ ތަނުގެ ފޮޓޯ އާއްމުކޮށް އިމިގްރޭޝަން އިން ބުންޏެވެ.

މިދިޔަ އަދިއްތަ ދުވަހު އިމިގްރޭޝަނުން ހިންގި ރެއިޑުގައި 22 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މިގޮތަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ޑީޕޯޓްކޮށްލަ އެވެ. އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނާ ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.

Ads by Ooredoo
  1. Business dicker I do not even understand how I ended up here, but I assumed this publish used to be great