ޚަބަރު

ޝިމްހާޒްގެ ތިން މަހުގެ މުސާރަ ދޭނަން: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ސާވިސް ޗާޖާ ބެހޭ މައުލޫމާތު ހާމަކޮށްގެން ހދ. ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކި ކުރި އަހްމަދު ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މުސާރައިން ދޭން ނިންމައިފި އެވެ.

Ads by STELCO

ހޮނޑާފުށި ރިސޯޓުން މުއވައްޒަފުންނަށް ދެނީ 11 ޑޮލަރު ކަމަށް ބުނާ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ކުރި ކަމަށް ބުނެ ސެކިއުރިޓީގެ ވަޒީފާ އިން ވަކިކޮށް ޝިމްހާޒް ރަށުން ބޭރު ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަ އެވެ. އަދި އެ މައްސަލާގައި ސަރުކާރަށާއި ރިސޯޓަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ޝިމްހާޒްއާ ބައްދަލުކޮށް އޭނާގެ ޝަކުވާތައް އަޑުއަހާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޝިމްހާޒް ބުނާ ގޮތުގައި އޭނާގެ މުސާރައަކީ 4،000 ރުފިޔާ އެވެ. އެހެން ނަމަވެސް އޭނާ ރިސޯޓުން ވަކިކުރީ 5001 ރުފިޔާ ދީފާ ކަމަށް ޝިމްހާޒް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ފަހު، ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ނުދިނުމާއި ރިސޯޓުން ފޭބުމަށް އޭނާއަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް އޭނާ ފާހަގަކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން، އެ ހުރިހާ ޝަކުވާތަކެއް ހުރުމުން، މިނިސްޓަރުގެ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ދޭން ނިންމަވާފައިވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. މީގެ އިތުރުން، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ މުޅިން ސާފުވާނީ ކަމާ ގުޅޭ މުއައްސަސާތަކުން އެކަން ބެލުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓަރުގެ ހައިސިއްޔަތުން އެ މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅަން ޝިމްހާޒަށް ހިތްވަރު ދެއްވާފައި ކަމަށް ވެސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!