ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ވާނީ ރާއްޖޭގެ އިންވެސްޓްކުރާނެ ފަރާތްތަކަށް ހަބެއް ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ރަސްމީ "އެކްސް" އެކައުންޓުންކުރި މިއަދު ކުރި ވީޑިއޯ ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރެވޭ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާމަން އަދި ސީއީއޯ އާ ކުޑައިރުކޮޅެއްގެ ތެރޭގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށް ޓަކައި، އިގުތިސޯދު ޑައިވާސިފައިކޮށް އިގުތިސޯދު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ކަނޑައަޅައިވާ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ވައުދު،" ފެށިގެން ދަނީ ވަރަށް ތާރީހީ ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ވިދާޅުވީ ބޭންކްގެ ސީއީއޯ ކަމާ އަދި ޗެއާމަން ކަމަށް އައްޔަން ކުރެވުނީ ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު، ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ބޭފުޅުން ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކަކީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރާއްޖޭގައި ގާއިމުކުރެވި، އެ މަސައްކަތް ފަށައިގަނެވި، ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާ އަދި ރިވިއުނަބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާތަކުން ރާއްޖޭގެ އިންވެސްޓްކުރާނެ ފަރާތްތަކަށް ހަބެއް ގޮތުގައި މި ބޭންކް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ބޭންކް ވާނީ ރިއަލް އެސްޓޭޓާއި ހައުސިން މާކެޓާ އަދި އެހެން ދާއިރާތަކަށް ވެސް ފައިދާކުރަނިވި ބޭންކަކަށް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިން ބޭފުޅަކު މިފަހުން ވަނީ އައްޔަންކޮށްފަ އެވެ. އެއީ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު އާއި ރޮބަޓް ޑެނިއަލް ކާންޓްގެ އިތުރުން އަހްމަދު އަލީ އެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައި ވަނީ މިދިޔަ މެއި މަހުގަ އެވެ.