ޚަބަރު އިޖުތިމާޢީ

ސާފުތާހިރުކަން ކުޑަ 6 ތަނެއް ބަންދުކޮށް، 4 ބިދޭސީން ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގަމުން އަންނަ އަށް ތަނެއް ބަލައި، ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުން އައި ހަތަރު ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by MWSC

މޯލްޑިވްސް އިމިގްރޭޝަނުގެ ރަސްމީ "އެކްސް" އެކައުންޓުން ރޭ ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓާސްކް ފޯހުން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަހައްދުގައި ހިންގަމުން އަންނަ އަށް ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފަށް ހިންގާ ހަ ތަނެއް ބަންދުކުރަން ނޯޓިސް ވަނީ ދީފަ އެވެ.

"ސައްހަ ވިސާއެއް ނެތި މި ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއެއް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައި،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތާއި އިކޮނޮމިކް މިނިސްޓްރީ އާއި އެމްއެފްޑީއޭ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެންނެވެ.

އެގޮތަށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ޑީޕޯޓްކޮށްލަ އެވެ. އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަން މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!