ސަބްމެރިން ކޭބަލްގެ މަޝްރޫއު އިތުރު ބަދަލެއް ނުގެނެސް ކުރިއަށް ގެންދަން ނިންމައިފި
ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫއު އިތުރު ބަދަލެއް ނުގެނެސް ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ މަޝްރޫއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ, މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މަޝްރޫއެކެވެ.
ރައީސް އެގޮތަށް ނިންމެވީ އެ މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއިން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރުމަށްފަހު އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ އެ މަޝްރޫއަށް އިތުރަށް ބޭނުންވާ ލޯނު ފައިސާ ހަމަޖެއްސުމަށްޓަކައި އިކުއިޓީއަށް ދައްކަންޖެހޭ 2.92 މިލިއަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓްކޮށް، ކުރިއަށް ގެންގޮސް ނިންމުމަށެވެ.
ރައީސް އެގޮތަށް ނިންމަވާފައިވަނީ ސަރުކާރުގެ އިސްފަރާތްތަކުން އޯޝަން ކަނެކްޓް ޕްރޮޖެކްޓަކީ ބޭކާރު މަސައްކަތެއް ކަމަށް ސިފަކޮށް ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް "އެކްސް"ގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.