ސަރުކާރުން އެދިގެން ބީއެމްއެލްގެ އާ ޑިރެކްޓަރުން ހޮވަން ހާއްސަ ޖަލްސާއެއް ބާއްވަނީ
ފިނޭންސް މިނިސްޓްރީން އެދިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޑިރެކްޓަރުން ހޮވަން ހާއްސަ އާންމު ޖަލްސާއެއް (އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން) އެއް ބޭއްވުމަށް ނިންމައިފި އެވެ.
ބީއެމްއެލުން އާންމުކޮށް ނެރުނު ނޯޓިސްގައި ބުނާ ގޮތުން އެ ހާއްސަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 21ވަނަ ދުވަހުގަ އެވެ.
ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބޭންކުގެ ހިއްސާދާރެއްގެ ގޮތުގައި ތިބި މީހުންނަށް ކަމަށް އެ ނޯޓިސްގައިވެ އެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ކުރިން ރަޖިސްޓާވާން ޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.
އެ ޖަލްސާ ބާއްވަނީ މޯލްޑިވްސް ސެކުއިރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖުމަންޓް ސިސްޓަމް ކަމަށްވާ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ. ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ އާ ޑިރެކްޓަރުން ބޭންކުގެ ބޯޑަށް ކަނޑައެޅުމެވެ.
ބީއެމްއެލްގެ ބޯޑަށް އާ ޑިރެކްޓަރުން އިންތިހާބުކުރަން ޖަލްސާއެއް މި ބާއްވަނީ، ސަރުކާރާއި މިހާރު އޮތް ޑިރެކްޓަރުންގެ ބޯޑުގެ އަގުލަބިއްޔަތާ ހިޔާލުތަފާތުވުންތަކެއް އުޅޭ ކަން ފެންމަތިވެފައި ވަނިކޮށެވެ.
މިދިޔަ އާދީއްތަ ދުވަހު ހެނދުނު ބޭންކުން ވަނީ ރުފިޔާ ކާޑުތަކުން ބޭރު މުއާމަލާތް ނުކުރެވޭ ގޮތަށް ޓްރާންސެކްޝަން ލިމިޓު ކަނޑައަޅައިފަ އެވެ. ރައްޔިތުންގެ ނުރުހުން ވެސް އެ ކަމަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ބޭންކުގެ ނިންމުން ބާތިލްކުރީ އެ ދުވަހު ހަވީރެވެ.
އިއްޔެ ފުލުހުން ބަޔާނެއް ނެރެ ބުނެފައިވަނީ ގާނޫނީ ވެރިކަން ވައްޓާލުމުގެ މަސައްކަތެއް އެ ކަންކަމުގެ ތެރޭގައި އުޅޭ ކަމަށް ބެލެވޭތީ އެ ކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެއީ ބޭންކުގެ ބައެއް ޑިރެކްޓަރުން އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގި "މާލީ ބަގާވާތެއް" ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި މި ވަގުތަށް ސަރުކާރުގެ މެޖޯރިޓީއެއް ބޭންކުގެ ބޯޑަކު ނެތެވެ. ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ނުވަ މެންބަރުންގެ ތެރެއިން ސަރުކާރު ތަމްސީލްކުރަނީ ހަތަރު މެންބަރެކެވެ. އިތުރު ދެ ޑިރެކްޓަރުންނާއިޗެއާމަން މަގާމަށް ސަރުކާރުން ފޮނުވި ނަންތައް އަދި ފާހެއް ނުވެ އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ހާއްސަ ޖަލްސާގައި ފާސްކުރަން ސަރުކާރުން މަސައްކަތް ކުރަނީ އެ ނަންތަކެވެ. ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ ބޭންކުގެ ސީއީއޯގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފަ އެވެ.