މިނިސްޓަރު އުއްމީދުކުރައްވަނީ ޑިވޮލޮޕްމެންޓް ބޭންކްގެ ލައިސަންސް މި ހަފްތާ ތެރޭ ލިބެނޭކަމަށް
އުންމީދަކީ ޑިވެލޮޕްމެންޓް ބޭންކްގެ ލައިސަންސް މި ހަފްތާތެރޭ ލިބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ސައީދު އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ އެ ބޭންކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޭންކްގެ ފެސިލިޓީތައް އެއްކޮށް ނިންމާލެވޭ ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ރައީސްގެ މި ވިޝަން ހާސިލުކުރުމަށްޓަކައި މި ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ލައިސަންސް ލިބުން"
އެ ބޭންކު މެދުވެރިކޮށް ކުރިމަގުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީކުރަން ބޭރުގެ ބޭންކުތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ރިސޯޓުތަކުގެ ދިވެހިންގެ އަތްމައްޗަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބޭންކުގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވެ އެވެ.
އެ ބޭންކުގެ ޗެއާޕާސަންއަކީ ބިޒްނަސް އޮރިޖިނޭޝަން ގަވާނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގްވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސާވިސް ތަޖުރިބާކާރެކެވެ. އަރޫނީ، ލޯ އިން މާސްޓާސް ހާސިލުކުރެއްވީ ހާވަޑް ޔުނިވާސިޓީންނެވެ.
އެ ބޭންކުގެ ސީއީއޯވަނީ ސައޫދީގެ ނޭޝަނަލް އިންފްރާސްޓްރަކްޗަ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އަދި ނޮއެލް އަކީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕާސަންގެ އިތުރުން އިރުދެކުނު އޭސިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާކާރެކެވެ.
ނޮވެލް ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން ފިލޯސަފީއިން މާސްޓާސް ހާސިލުކުރައްވާފަ އެވެ.