ޝަމާއު، މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް، ސިޓީ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ޝަމާއު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބަށް އެ ޕާޓީން މި މަހު ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ. އެގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވީ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި އަދި އާންމުންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ޝަމާއު ވިދާޅުވިއެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވަމުން ގެންދަވާ ޝަމާއު ސިޓީ ކައުންސިލަށް އިންތިހާބުވެ ވަޑައިގެންފައިވަނީ މާފަންނު ހުޅަނގު ދާއިރާ އިންނެވެ.
ޝަމާއުގެ އިތުރުން އެމްޑީޕީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފްގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ނިޔާޒް (ނިޔާ) އެވެ.
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.