ޚަބަރު

އެމްބަސީ ކައިރީ މުޒާހަރާކުރި ދެ އަންހެނުންގެ ބަންދަށް އިތުރު 5 ދުވަސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީ މުޒާހަރާކޮށް، ސަފީރުންނަށް އުދަނގޫކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 5 ދުވަސް އިތުރު ކޮށްފި އެވެ.

Ads by STELCO

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ރަތަފަންދޫ، ލިލީގެ ޑރ ޝަޒްރާ އިބްރާހިމް (36އ) އާއި މ. ބަޑިކުޅިމާގެ، އައިޝަތު ޝާދިޔާ(47އ) އެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުސްވި އޮގަސްޓް 28 ވަނަ ދުވަހު ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި 3 ދުވަސް ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން އަޑު އުފުލާފައިވަނީ އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީ އާއި ރާއްޖޭގައި ޔޫއެން އޮފީސް ދޮށުގަ އެވެ. އިނގިރޭސިވިލާތު އެމްބަސަޑަރު އަދި ސައުދީ އެމްބަސެޑަރު ހުންނަވާ ގެކޮޅު ކައިރީވެސް އެ މީހުން އިހުތިޖާޖުކޮށް އަޑުއުފުލި އެވެ.

އަދާލާތު ޕާޓީގެ އިތުރުން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ އެ ދެ މީހުން ހައްޔަރުކުރުން ކުށްވެެރިކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!