އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓުތައް އައީ ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ފަހު
ހަނިމާދޫ އެއަރޕޯޓަށް މިއަދު ހެނދުނުގެ ވަގުތެއްގައި ޖެއްސި އިންޑިއާގެ ކޯސްޓުގާޑުގެ ދެ މަތިންދާބޯޓު އައިސްފައިވަނީ އިމިގްރޭޝަނުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ފަހުގައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ޖައްސާފައިވާ އަސްކަރީ މަތިންދާ ބޯޓަކީ އިމިގްރޭޝަނަށް އެއްވެސް އެންގުމަކާއި ނުލާ ޖެއްސި ދެ ބޯޓު ކަމަށް ދެކެވޭ ވާހަކައަކީ ސައްހަ ވާހަކަތަކެއް ނޫންކަމަށް ހާމަކޮށްފައެވެ.
އަދި އިމިގްރޭޝަނުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމާއި އެކު ހުށައަޅަން ޖެހޭ ލިޔުންތައް ހުށައަޅައި، ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވާތީ މި ދެ ބޯޓަށް ހުއްދަ ދީފައިވާނޭ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިންޑިއާގެ އަސްކަރީ 2 މަތިންދާ ބޯޓު ހުއްދައެއް ނެތި އައިސްފައިވާ ކަމަށް ވާހަކަ ދެކެވޭއިރު މި މަތިންދާ ބޯޓުގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަ ވެސް ފުލުހުން ވަނީ ދޮގު ކޮށްފައެވެ.