ޚަބަރު

ކާރު ދުއްވި އިކްރާމް އަލުން ހައްޔަރުކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް، ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައިގައި ކާރު ދުއްވަންއިން އިބްރާހިމް އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ރޭ ހައްޔަރުކޮށްފި އެވެ.

Ads by STELCO

ހޯމްލޭންޑް, ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ އެކަން ކަށަވަރުކޮށްދެއްވާ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

އިކްރާމް ދޫވެގެން ދިޔައީ ވަކީލަކު ނެތި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހުމުން އެއީ ގޯހެއް ކަމަށް ހައި ކޯޓުން ކަނޑައެޅުމުންނެވެ.

ހައި ކޯޓުގެ ޝަރީއަތުގައި، ދަށު ކޯޓުން ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން ސުވާލުނުކުރާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ހެދީ ދޮގެއް ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

އިކްރާމް ދޫވެގެން ދިއުމާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ އިކުރާމް ދޫވެގެން ދިޔަ ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެ މީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ 31 ގައި ހިނގި މި އެކްސިޑެންޓަށްފަހު ކާރު ތެރޭގައި ތިބި ތިން މީހުން ނުކުމެގެން ދިޔަ އެވެ. އެމީހުން ހައްޔަރު ކުރީ ޖެހިގެން އައި ދުވަހު އެވެ. އަދި އެއަށްފަހު ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކުރި އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ތިން މީހުނަކީ ވެސް ކުށުގެ ރެކޯޑު އޮތް ބަޔެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!