ވެމްކޯއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިންޓާންޝިޕް ދޭނީ
ނުކުުޅެދުންތެރިކަން ހުންނަ ކުދިންނަށް އިންޓާންޝިޕް ފުރުސަތު ހޯދާދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ މިނިސްޓްރީގެ ޓީމެއް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާއިއެކު މަޝްވަރާކޮށްފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ޓީމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މުއައްސިސުންނާއި ބައްދަލުކޮށް އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ވެމްކޯގެ އޮފީހުގަ އެވެ.
މި ޕްރޮގްރާމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޓީމުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަދަ ފަރާތްތައް ގެންގުޅޭ އާއިލާތަކުގައި ތިބި ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދުމާއި، އިންޓާންޝިޕް ޕްރޮގްރާމުތަކުގައި އެފަދަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
އޭގެ އިތުރުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ވެމްކޯގެ ސީއެސްއާރު ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިގެން ގޮސްފަ އެވެ.
“ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިދާރާތަކާއި އެއްކޮށް މިހާރު ވެސް ކުރެވެމުންދާއިރު، މިފަދަ ކަންކަމަށް އިދާރާތަކާއި ކުންފުނިތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފާހަގަކުރެ އެވެ.
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަނުން ވެސް ވަނީ މާލެ ސަރަހައްދުގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް އެ ކުންފުންޏަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ގުޅިގެން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
“ހާލު ކިހިނެއް” މިއީ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ޙާލު ބަލައި، ދައުލަތުގެ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.