ވިޔަފާރި

ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ވެމްކޯ އިން ޔޫއެސްއެއިޑްއާއެކު ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ އޯޝަން ޕްލާސްޓިކް ރިޑަކްޝަން އެކްޓިވިޓީއާ ގުޅިގެން މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

Ads by STELCO

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ސޮއިކުރެވުނެވެ. މި އެއްބަސްވުންތަކުގެ މަގްސަދަކީ ކުނި މެނޭޖްކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ކަނޑަށް އެޅޭ ޕްލާސްޓިކްގެ މިންވަރު މަދުކުރުމެވެ.

މި އެއްބަސްވުންތަކަކީ ރާއްޖޭގެ “މަގޭ ސާފު ރާއްޖެ” ގައުމީ ކުނި އަދި ވަސީލަތްތައް މެނޭޖްކުރުމުގެ ސިޔާސަތާއި ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭ މަސައްކަތްތަކެކެވެ. މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ކުނި މެނޭޖްކުރުމުގެ އުސޫލުތައް ރަނގަޅުކުރުމަށް މަސައްކަތްކުރެވޭނެ އެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގު އިބްރާހީމް އަދި ޔޫއެސްއެއިޑްގެ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ ފޮރ ދަ ބިއުރޯ ފޮރ އޭޝިއާ މިސްޓަރ މައިކަލް ޝިފަރގެ ހާޒިރުގަ އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެފަރާތުން މަސައްކަތްކުރުމަށް އެއްބަސްވެފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން، ކުނި މެނޭޖްކުރުމުގެ ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމާއި، މި ދާއިރާ ޕްރޮފެޝަނަލައިޒްކުރުމާއި، ޑޭޓާ އެއްކުރުމާއި، މެނޭޖްކުރުން ހަރުދަނާކުރުމާއި، އަދި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ހިންގުމަށް މަސައްކަތްކުރެވޭނެ އެވެ. މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އިދާރީ ޤާބިލުކަން އިތުރުކުރުމާއި، ތިމާވެއްޓާ ރައްޓެހި ޕްރޮކިއުމަންޓް ސިޔާސަތުތައް އެކުލަވާލުމާއި، އަދި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ޖެންޑަރ ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ އެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!