ޚަބަރު

މަސްތުވުމުގެ ހިދުމަތްދޭ 2 ތަނަކުން 18 ފިރިހެނުންނާއި ތިން އަންހެނަކު ހައްޔަރުކޮށްފި

މަސްތުވުމުގެ ޚިދުމަތް ދިނުމަތް ދޭ ގެތައް ބަލައި ފާސްކުރުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ތިން އަންހެނަކާއި 18 ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ "އެވެރެސްޓް އާގެ" ރެއިޑްކޮށް ދިވެހި ދެ އަންހެންކާއި ދިވެހި އަށް ފިރިހެނެއްގެ އިތުރުން ބިދޭސީއަކާއެކު ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި "ޏަމްޏަމްގެ" ގެއިން ވެސް ދިވެހި އަންހެނަކާއި ދިވެހި ނުވަ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި ކަމަށާއި އަދި އެ ގެތައް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭތަކެތި ފެނިފައިވާ ކަމަށެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގައި ޖުމްލަ ހަތް ގެއެއް މިހާތަނަށް ވަނީ ބަލައި ފާސްކޮށްފައިވާއިރު، އެތަންތަނުން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 59 އަށް އަރާފައެވެ. ނަމަވެސް އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!