ޚަބަރު

މިއީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

މިއީ ފިތުނަ އުފައްދާ ބައިބައިވުމުގެ ބަދަލުގައި، ކޮންމެ މީހަކުވެސް އެމީހެއްގެ ޤައުމީ ވާޖިބާއި ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރަންވީ ވަގުތުކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ޢިމްރާން ވިދާޅުވީ، ޝަހީދު އަލިރަސްގެފާނު ދިވެހިންގެ ސަލާމަތަށްޓަކައި ކުރެއްވި އަގުހުރި ޖިހާދުގެ ޛިކުރާ މިއަދު އާކުރަމުންދާ ހިނދު، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ޢާއިލާއާއި ގާތްތިމާގެ މީހުން ދޫކޮށް، ފުރާނަ އަތްމައްޗަށްލައިގެން ނިކުމެ ޤައުމީ ޚިދުމަތުގައި ތިބި އެތައް ދިވެހި ދަރީންނެއް މި ޤައުމުގެ އެކިކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރަން ޖެހޭކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްޙަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ހިނދު، ޤައުމީ ޖިހާދުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިއްޙީ ޚިދުމަތްތެރިންނާއި ސަލާމަތީ ޚިދުމަތްތަކާއި ދަރުމަވެރިންނާއި އެހެންވެސް ފަރާތްތަކުން ވަމުންއަންނަ ޤުރުބާނީއަކީ ޝުކުރާއި ތައުރީފު ހައްގު ގުރުބާނީއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޢިމްރާން ވިދާޅުވީ، ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެނާ ކުރިމަތި ވެފައިމިވާ ފަދަ ނުރައްކާތަކުން މިންޖުވުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭކަންކަމަށެވެ. އަދި ސަރުކާރުގެ ލަފަޔާއި އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރަންޖެހޭކަމަށާއި، ބައިބައިވުމާއި ފިތުނަފަސާދަ އުފެދޭ ބާވަތުގެ ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކާތެރިކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއީ އެފަދަ ކަންކަމުން ދުރުވެ، ކޮންމެ މީހަކުވެސް އެމީހެއްގެ ޤައުމީ ވާޖިބާއި ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރަންވީ ވަގުތުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، އާންމު ސިއްހަތަށް ނުރައްކާވެ، އިޤްތިސާދީގޮތުން މިރާއްޖެއަށް ތަހައްމަލުކުރަން ދަތި ޙާލަތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރުން. މި ދަނޑިވަޅަކީ ހަމަ އެންމެ މީހަކު ފަރުދީ ޒިންމާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން އެތައްބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، މުޅި ޤައުމަށް އޭގެ ގެއްލުން އިންތިހާއަށް މެދުވެރިވެދާފަދަ ވަގުތެއް" ޢިމްރާން ވިދާޅުވިއެވެ.

ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލުކުރެވޭނެ ކަންކަމެއް ނޫންކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ މުހިއްމުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އަދި ޒަމާނުއްސުރެ ދިވެހިން ތަބަޢަވެގެން މިތިބަ އިސްލާމްދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅުކަމަށާއި، ޒުވާނުން އެއިން ފިލާވަޅު ލިބިގަނެ، އެއިގެ މައްޗަށް ބިނާކޮށް އުޅުމާއި އަޚުލާގާއި އަދި ޤައުމީ ޚިދުމަތް ބިނާކުރުން މުހިއްމުކަމަށް އިމްރާން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަލިރަސްގެފާނާއި އެ ރަސްގެފާނުގެ ބައިވެރިންފަދައިން ޤައުމަށް ޚިދުމަތްކުރާ، އަމިއްލަ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރާ ބަޔަކަށް ވާން. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ވާންވީ މިރާއްޖެއާއި މިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމަށް އެމީހަކުއަދާކުރަންޖެހޭ ޒިންމާ ފުރިހަމަޔަށް އަދާކުރާ މީހަކަށް" ޢިމްރާން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!