ޚަބަރު

މިއަހަރުގެ މިހާތަނަށް ކޮންމެ މަހަކު 200 އަށްވުރެ ގިނަ އެކްސިޑެންޓް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ސިނަމާލެ ލިންކު ރޯޑުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް/ ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ މަހަކު މަގުމަތީގެ 200 އަށް ވުރެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދަައްކައިފި އެވެ.

Ads by Sosun Fihaara

ފުލުހުންގެ ވެބްސައިޓުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓުގެ ނިޔަލަށް ޖުމްލަ 1907 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 301 އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

މި އަހަރުގެ އެކްސިޑެންޓްތަކުގެ އަދަދު:

  • ޖެނުއަރީ: 263
  • ފެބުރުއަރީ: 267
  • އޭޕްރީލް: 221
  • މޭ: 226
  • ޖޫން: 215
  • ޖުލައި: 210
  • އޮގަސްޓް: 204

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 1476 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތާ އަޅާބަލާ އެކްސިޑެންޓުގެ އަދަދު 431 އަށް ވަނީ އިތުރުވެފަ އެވެ.

2023 ގައި ރިޕޯޓުކުރި އެކްސިޑެންޓްތަކުގެ އަދަދު:

  • ޖެނުއަރީ: 149
  • ފެބްރުއަރީ: 196
  • މާޗް: 190
  • އޭޕްރީލް: 174
  • މެއި: 179
  • ޖޫން: 168
  • ޖުލައި: 202
  • އޮގަސްޓު: 218

މިދިޔަ އަހަރު ޖުމްލަ 2300 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު 2022 ވަނަ އަހަރު 1615 އެކްސިޑެންޓެއް ރިޕޯޓްކުރިކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި 2021 ވަނަ އަހަރު ހިނގާފައިވަނީ 1564 އެކްސިޑެންޓެވެ.

އެކްސިޑެންޓްތައް އިތުރުވަމުން އަންނައިރު މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފޭސްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ދަނީ ފަރުވާދެމުންނެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އިއްޔެ ރޭ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، މުހިންމު 8 ކަމެއް ތަންފީޒުކުރަން ފަށަން ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައި، އެކަންކަން ރޭ ހާމަކުރައްވާފައިވެ އެވެ.

އެކަންކަން ތަންފީޒުކުރުމަށް ނިންމެވީ ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.

އަދި އުޅަނދަށް ބަދަލު ގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު ބާރުއަޑު އިވޭ އުޅަނދުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުން ނުކުންނަ ގަދަ އަޑަކީ އާއްމު އުނދަގުލަކަށްހެދުން ހުއްޓުވައި، މީހުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމަކީވެސް އެ އެންގެވުންތައް ތަންފީޒުކުރަން ޖެހޭ ސަބަބެއްކަން ރައީސް މުއިއްޒު ފާހަގަކުރައްވާފައިވެ އެވެ.

Ads by HDC
  1. ކޮކީ

    ތިހެން ވާނީ ލާރިކޮޅެއް ދީގެން ލައިސެންސް ލިބެންޏާ. ތަތްގަނޑު ޖަހާލާކަށް އުނދަގު ކަމެއް ނޫން މިހާރަކު