ޚަބަރު ސަރުކާރު

ރަސްމީ ރިޒާވް އުފުލި 443 މިލިއަން ޑޮލަރަށް އަރައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މިއަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު މިދިޔަ އޯގަސްޓު މަހު ރާއްޖޭގެ ރަސްމީ ރިޒާވް 12.3 އިންސައްތަ އުފުލިއްޖެ އެވެ.

Ads by STELCO

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ, އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހު ރަސްމީ ރިޒާވްގައި ހުރީ 440 މިލިއަން ޑޮލަރެވެ. އޯގަސްޓު މަސް ނިމުނުއިރު މި އަހަދު ވަނީ 443.88 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މި އަދަދަކީ މިދިޔަ 2023 ވަނަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 36.1 އިންސައްތަ ދަށް އަދަދެކެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔައީ ޖުލައި މަހު އެވެ. އޭގެ ކުރީގެ ޖޫން މަހާ އަޅާ ބަލާއިރު އެމަހު ގާތްގަނޑަކަށް 111 މިލިއަން ޑޮލަރު ރިޒާވް ދަށަށް ދިޔަ އެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ޔޫޒަބަލް ރިޒާވް 17 މިލިއަން ޑޮލަރަށް ދަށަށް ދިޔަ އެވެ. މިކަން ފާހަގަކޮށް އެމްއެމްއޭއިން ފިނޭންސް މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވި އެވެ.

އެހެންނަމަވެސް އޯގަސްޓު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވް ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ ޖުލައި މަހާއި އަޅާ ބަލާއިރު 39 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުންވަނީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ދައުލަތަށް ލިބޭ ޑޮލަރުގެ އާމުދަނީ އިތުރުކުރަން އަޅާނެ ފިޔަވަޅުތަކެއް އިއުލާނުކޮށްފަަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ޑޮލަރުން އާމުދަނީ ލިބޭ ވިޔަފާރި ކުންފުނިތަކުން އާމުދަނީން ނަގާ ޓެކުސްތައް ޑޮލަރުން ދެއްކުން ލާޒިމުކުރުމާއި، ޑޮލަރުން މުސާރަ ދޭ މުވައްޒަފުންގެ ޕެންޝަން ފައިސާ ޑޮލަރުން ދެއްކުން ލާޒިމުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ޑޮލަރުގެ އާމުދަނީ އިތުރުކުރުމަށް އެމްއެމްއޭގެ ގަވާއިދުތަކަށް ގެންނަ ބަދަލުތަކާއެކު، މިހާރު ލިބޭ އާމުދަނީގެ އިތުރަށް ދައުލަތަށް 40 މިލިއަނާއި 80 މިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރު ލިބޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!