ހޯމްލޭންޑްގެ ޕީއެސްކަމުން އިސްތިއުފާ ދެއްވި ހިންނާއަށް ފޮރިންގެ ޑެޕިއުޓީކަން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަމުން އިސްތިއުފާދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންނާ އެ މަގާމުން އިސްތިއުފާދެއްވާފައިވާއިރު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލް ޣަފޫރު އެ މަގާމުން ވަކިކޮށްފައި ވަނީ ވެސް އެ ދުވަހު އެވެ.
ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ހިންނާ އައްޔަންކޮށްފައިވާކަން ރައީސް އޮފީހުން ވަނީ "ދެން" އަށް ކަށަަވަރު ކޮށްދީފަ އެވެ.
ބިޒްނަސް މެނޭޖްމެންޓުން މާސްޓާސް ހާސިލުކުރެއްވި ހިންނާ ވަނީ ރާއްޖޭގެ އެކި ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އޭނާ ހޯމް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަނުކުރައްވާފައި ވަނީ މިދިޔަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. އޭނާ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފަ އެވެ.