ބަނގުރަލާއެކު 16 އަހަރުގެ އަންހެން ކުއްޖަކާއި ތިން ފިރިހެނުން ހައްޔަރުކޮށްފި
ލ. ގަމުގައި ބަނގުރާ އަޅާފައި ހުރި ފުޅިއަކާއެކު 16 އަހަރުގެ އަންހެން ކުއްޖަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަންގެ ތެރެއިން ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއަކާއެކު ހަތަރު މީހުން ލ. ގަމު ތުނޑި ބަނދަރު ދެކުނު ފަރާތުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 22 އަހަރާއި، 33 އަހަރާއި އަދި 40 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ކަމަށާއި އެ މީހުންނާއެކު 16 އަހަރުގެ އަންހެން ކުއްޖެއް ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާ އަހަރާ ދިމާކޮށް ހިނގާ ކުށުގެ އަމަލުތައް ހުއްޓުވަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ އިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާފުޅިތައް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން ޅ. ނައިފަރުން ޕާޓީ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފައިވާއިރު ރޭ ކ. މާފުށިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރު ކުރި އެވެ.