ޚަބަރު

ޗައިނާގެ ވެރިކަންކުރާ ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ދައުވަތަކަށް، ރާއްޖޭގެ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ކުރައްވާ ދަތުރެއްގައި ފުރާވަޑައިގެންފި އެވެ.

Ads by MWSC

ޕީއެންސީގެ ވެބްސައިޓުގައި ލިޔެފައިވާ ގޮތުގައި، މި ދަތުރުގެ ދައުވަތު އެ ޕާޓީއަށް ދިނީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުންނެވެ. މި ދަތުރުގައި ޗައިނާއަށް ވަޑައިގަންނަވާ ޕީއެންސީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ކަމަށް އެ ޕާޓީން ބުންޏެވެ.

މިއީ މާދަމާއިން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށް ކުރާ ދަތުރެކެވެ.

އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ ފަސް ސިޓީއަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ޕީއެންސީން ބުންޏެވެ. އެ ޒިޔާރަތުގެ ތެރޭގައި އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތް ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރަށް ކޮންގްރެސް ޕާޓީގެ ވަފުދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރު ލިއު ޖިންޗާއޯއާ ބައްދަލު ކުރައްވާނެ އެވެ. އަދި އެ ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ދެއްވާ ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޗައިނާގެ އެކި ސިޓީތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުން ކުރިއަށްދާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

މި ދަތުރުގެ މަގުސަދަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިގުތިސާދީ ކުރިއެރުން ޗައިނާ އިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!