20 ޕަސެންޓް ސިވިލް މަސައްކަތް ނުނިމެނީސް އެޕާޓްމެންޓް ނުވިއްކޭނެ: އެޗްޑީސީ

ހުޅުމާލެއިން އެޕާޓްމަންޓްތައް ދެން ވިއްކޭނީ 20 ޕަސެންޓްގެ މަސައްކަތް ނިމުމުން ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ތަރައްގީކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ އެ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތްތަކާއި އެޕާޓްމަންޓް ގަންނަ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ.
ނަމަވެސް އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވެސް ބުންޏެވެ.
އެގޮތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ ކުރިން ބުކިން ފީގެ ގޮތުގައި ގިނަވެގެން 50،000 ރުފިޔާގެ ފީއެއް ޑިވޮލޮޮޕަރަށް ނެގިދާނެ ކަމަށާއި ނަަމަވެސް އެއީ އެޕާޓްމަންްޓްގެ ޖުމްލަ އަގުން އުނިކުރެވޭ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އަދި އެެޕާޓްމަންްޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 ޕަސެންޓް ނިންމައި އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށް އެ ކުުންފުނިން ބުންޏެވެ.
"އެހެންކަމުން އެޕާޓްމަންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުންގެ އަތުން ނުނެގޭނެ އެވެ" އެޗްޑީސީން ކުރި އިއުލާންގައި ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ، އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި، ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ހުރިހާ ރެސިޑެންޝަލް އިމާރާތެއް ވިއްކުމުގައިވެސް އަމަލުކުރާނީ އެ އުސޫލާ އެއްގޮތަށް ކަމަށެވެ. އަސޭރިއާ ޕްރޮޖެކްޓުގެ އެޕާޓްމެންޓްތަކަށް ބުކިން ފީގެ ގޮތުގައި ކަސްޓަމަރުން އަތުން އެއް މިލިއަން ރުފިޔާގެ (950،000 ރިފަންޑަބަލް) ފީއެއް ނެގުމުގެ ހުއްދަ ޑިވޮލޮޕަރަށް ލިބިގެންވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ، އިމާރާތުގެ ސިވިލް މަސައްކަތުގެ 20 ޕަސެންޓް ނުނިމުނު ނަމަވެސް، އެޗްޑީސީއާއި ޑިވޮލޮޕަރާ ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެ ޕްރޮޖެކްޓުގެ އެޕާޓްމެންޓު އާންމުންނަށް ގަނެވިދާނެ ކަމަށެވެ.