ތިނަދޫ އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ނިންމާލައިފި
ގދ.ތިނަދޫގައި މިނިސްޓްރީ އޮފް ޔޫތު،ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ގާއިމުކުރި އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ނިންމާލައިފިއެވެ.
ތިނަދޫ އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ނިންމާލެވިފައިވާކަން ހާމަ ކުރައްވަމުން ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޚްލޫފު މިއަދުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިނަދޫ އިޖުތިމާއީ މަރުކަޒުގެ މަސައްކަތަކީ މިދިޔަ ސަރުކާރުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތް ނިންމާލުމުގައި ތިނަދޫ ކައުންސިލާއި، ތިނަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުލް މުޣުނީ އާއި ، ތިނަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ސަނީފް އަދި ޔޫތު މިިނިސްޓްރީގެ ޔޫތު އެގްޒެކެޓިވް މުހައްމަދު ވިފާގް އަށް މިނިސްޓަރު މަހުލޫފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ތިނަދޫގައި ނިންމާލައިފައި މިވާ އިޖުތިމާއީ މަރުކަޒުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މި މަރުކަޒުގައި ޖިމެއް ވެސް ގާއިމު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
މީގެ ކުރިން ވެސް މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިންވަނީ ބައެއް ރަށްތަކުގައި އިޖުތިމާއީ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ކޮށް ނިންމާލާފައެވެ. އެގޮތުން ލ.މާބައިދޫގައި އަދި ހއ.ފިއްލަދޫގައި ވަނީ އިޖުތިމާއީ މަރުކަޒު ގާއިމުކޮށްފައެވެ.