އިގްތިސޯދު ޑައިވާސިފައިކުރުމަކީ ކޮންމެހެން ކުރަަން ޖެހޭ ކަމެއް: ރައީސް
އިގްތިސޯދު ޑައިވާސިފައިކުރުމަކީ ކޮންމެހެން ކުރަަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ "ބިލްޑިންގ ރެޒިލިއެންޓް ފިއުޗާސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއާގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޑައިވާސިފައިކުރުމަކީ ހަމައެކަނި އަމާޒެއް ނޫން ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި ސިޑްސްގެ އުފެއްދުންތެރިކަމާއި ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ކުދި ގައުމުތަކަށް ދިމާވެފައިވާ, އެންމެ ބޮޑު އެއް މައްސަލައަކީ ބޭރުގެ ދަރަނި އިތުރުވުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް ދަރަނީގެ ކަންކަން ކުރިއަށް ގެންދިއުމަށް ދިމާވާ ގޮންޖެހުންތަކަކީ އާ ކަމެއް ކަމަށެވެ. އަދި ރައީސް ވިދާޅުވީ އެއީ ޒަމާނުއްސުރެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސޯދީ ނާޒުކުކަމާއި ގުޅިލާމެހިފައިވާ ބައެއް ކަމަށެވެ.
ސިޑްސްގެ ގައުމުތަކުގެ 40 ޕަސެންޓު މިހާރު ވެސް ތިބީ ދަރަނީގެ ދަތިކަމުގެ ތެރޭގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމަށް އަވަސް ފިޔަވަޅެއް އަޅަން ބޭނުންވާ ކަމަށެވެ.
ރައީސް ވަނީ މިދިޔަ މޭ މަހު ބޭއްވި ސިޑްސް ގެ 4 ވަނަ ކޮންފަރެންސްގައި އިފްތިތާހުކުރިސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސް) ގެ ވާހަކަ ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ހިދުމަތަކީ ދަރަނީގެ ދަތިކަން ހައްލުކުރުމަށް ޓަކައި ވަރަށް މުހިއްމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ދަަަރަނިން އަރައިގަންނާނީ ކިހިނެތްތޯއާއި މި ދަނޑިވަޅުގައި އެކުގައި ވާނީ ކޮން ފަރާތެއްތޯ ސުވާލު އުފައްދަވާ ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ މުސްތަގުބަލަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސިޑްސްގެ ލީޑަރުންގެ ހައިސިއްޔަތުން އިގްތިސޯދު ޑައިވާސިފައި ކުރުމަށް ކުރާ މަސައްކަތުގައިވެސް އިސްކޮށް ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ. އަދި މިފަދަ ގައުމުތައް އިގްތިސޯދީ ގޮތުން ބަރޯސާ ވަނީ މަސްވެރިކަމާއި ފަތުވެރިކަމަށް ކަން ރައީސް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ދިމާވިފަދަ ނުރައްކާ ކުރިމަތިވެދާ ކަމަށާއި ޖީޑީޕީ އެންމެ ދަށަށް ދިޔަ ގައުމަކީ ރާއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެންޓިގުއާ އަދި ބާބިއުޑާ އެޖެންޑާ ފޯ ސިޑްސް ކުރިއަަށް ގެންދިއުމާ ގުޅޭ ގޮތުން މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ބައްދަލުވުމަށް ދައުވަތު އަރުވާފަ އެވެ. އެ ބައްދަލުވުމުގައި އިގްތިސޯދު ޑައިވާސިފައި ކުރުމާއި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއާއި ރެޒިލިއަންޓް ކުރިއެރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިގްތިސޯދު ޑައިވާސިފައި ކުރުމަށްޓަކައި މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ ރައީސް ނިއުޔޯކަށް ވަޑައިގެން ފުރަތަމަ ބައިވެރިވެވަޑައިގެން ރަސްމީ ބައްދަލުވުމެވެ.