ޚަބަރު ސަރުކާރު

ބިދޭސީންގެ ޖޫރިމަނާ ނުދައްކާ 7،501 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަޖީދު: ވިދާޅުވެފައި ވަނީ ދައުލަތަށް ދައްކަން ޖެހޭ އެންމެ ރުފިޔާއެއް އޮތަސް ޖޫރިމަނާ ކުރާނެ ކަމަށް / ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ

ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް ނުދައްކާ 7،501 ފަރާތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހޯމްލޭންޑް މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށް ވުރެ މަދު ނަމަ، އެ ފަރާތްތަކަށް ފައިސާ ދައްކާ ހަލާސް ކުރުމަށް ދެ ހަފުތާގެ މުއްދަތެއް ދީފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާނުކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް އެ މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.

މަޖީދު ވިދާޅުވީ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތުން 23.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން މިހާތަނަށް 3،692 ފަރާތަކުން އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވިދާޅުވި ގޮތުގައި ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް ނުދައްކާ 7،501 ފަރާތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް މިހާރު ބްލޮކްކޮށްފައިވާ ކަމުގަ އެވެ. އެގޮތަށް ނިންމީ ފީތައް ނުދައްކާތީ ކަމުގަ އެވެ. އެހެންނަމަވެސް ޕޭމަންޓްތައް ކްލިއާ ކުރުމުން އެ ފަރާތްތަކަށް އަލުން އެ ސިސްޓަމް ބޭނުން ކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

"ދައުލަތަށް ދައްކަން ޖެހޭ އެންމެ ރުފިޔާއެއް އޮތަސް އަޅުގަނޑުމެން ޖޫރިމަނާ ކުރާނަން،" މަޖީދު ވިދާޅުވި އެވެ.

ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ފަރާތްތަކާ އެކު ބިދޭސީންގެ މައްސަލައިގައި ހިޔާލާއި މަޝްވަރާ ހޯދުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ގަވާއިދުން ފީ ނުދައްކާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

Ads by Allied Insurance