ރައީސް ގޮވާލެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކުރަން
ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކޮށް ޑިޖިޓަލް އިކޮނޮމީގައި ޒުވާނުން ބާރުވެރިކުރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މިހާރު އދ.ގައި ކުރިއަށްދާާ ސަމިޓް އޮފް ދަ ފިއުޗާގެ ތިންވަނަ އިންޓަރެކްޓިވް ޑައިލޮގްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާޓިފަލް އިންޓެލިޖެންސް އިންތިހާއަށް ކުރިއަރައި އެކްސްޕާޓުންނަށް ވެސް އެއާއި ފައިހަމަ ނުކުރެވިގެން އުޅޭއިރު ދުނިޔޭގެ ތިންބައި ކުޅައެއްބައި މީހުންނަށް އަދިވެސް އިންޓަނެޓް ނުލިބޭ ކަމަށެވެ.
ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެކަން އޮތީ އެގޮތަށްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލް ހިދުމަތް ލިބުމުގައި ހުރި ފަރަގުތަކަކީ ތަރައްގީއާއި ފުރުސަތުތަކާއި އަދި އަދުލު އިންސާފަށް ވެސް ހުރި ހުރަހެއް ކަމަށެވެ.
އެހެން ކަމުން ޑިޖިޓަލް ހިދުމަތުގައި ހުރި ފަރަގުތައް ނައްތާލައި އެއްވެސް ގައުމަކީ ބާކީވެފައިވާ ގައުމަކަށް ވިޔަ ނުދޭން ޕޮލިސީތަކާއި އެކްޝަން ޕްލޭންތައް އެކުލަވާލަން ރައީސް ގޮވާލެއްވި އެވެ.
އަދި އެކަމަަށްޓަކައި ތިން ހިޔާލެއް ރައީސް ދެއްވި އެވެ.
އެގޮތުން ޑިޖިޓަލް އިގުތިސާދުގައި ޒުވާނުން ޝާމިލުވާ މިންވަރު އިތުރުކޮށް އެ މީހުން ބާރުވެރިކުރުވަން އިނީޝިއޭޓިވްތަކަށް އިސްކަންދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ޒަރޫރީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ޖެހޭ ކަމަށެވެ
އޭގެ އިތުރުން ޑިޖިޓަލައިޒޭޝަންއަށް އަހުލުވެރިވަމުންދާ އިރު އޭގެ ހިދުމަތް ހޯދާ މީހުންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.