މިއަދު ލާމުގައި ބާއްވާ މެރަތަންއަކީ ރައީސްގެ ޗައިނާ ދަތުރުން ހާސިލުވި ކަމެއް: ސަފީރު

މިއަދު ލާމުގައި ބާއްވާ މެރަތަންއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ހާސިލުވި ކަމެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ވަން ލިޒި ވިދާޅުވެއްޖެ އެވެ.
ސަފީރު މިފަދައިން ވިދާޅުވީ މިއަދު ލާމުގައި ކުރިއަށްދާ "ލާމު މެރަތަން 2024" ޝަރަފުވެރިކޮށްދެއްވަން ލ އަތޮޅަށް ވަޑައިގެން ހުންނަވާ "ދެން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެ މެރަތަންގެ މެއިން ސްޕޮންސަރަކީ ޗައިނާގެ ޒިއަމެން ސްޕޯޓް އެވެ.
ޗައިނާގެ ރައީސް, ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ ޖެނުއަރީ 7 އިން 13 އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅު ސަފީރު ފާހަގަކުރެއްވި އެވެ. އެ ދަތުރުފުޅުގައި ރައީސް ފުރަތަމަ މަޑުކުރެއްވީ ޒިއަމެން ސިޓީގައި ކަމަށާއި އެ ސިޓީގެ ވެރިންނާ ބައްދަލުކޮށް މުހިއްމު ދާއިރާތަކާ ގުޅިގެން މަޝްވަރާކުރެއްވި ކަމަށް ސަފީރު ވިދާޅުވި އެވެ.
"މި ޕްރޮގްރާމަކީ ރައީސް މުއިއްޒު ޒިއަމެންއަށް ކުރެއްވި ޒިޔާރަތުން ހާސިލުވި ޕްރޮގްރާމެއް"
ސަފީރު ވަނީ ލާމު ލިންކް ރޯޑްގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް މީގެ 10 އަހަރު ކުރިން ޗައިނާގެ ރައީސް, ޝީ ޖިންޕިން ރާއްޖެއަށް ކާމިޔާބު ދަތުރުފުޅު ފާހަގަކުރައްވާފަ އެވެ.

މެރަތަންގައި ސަފީރު ބައިވެރިވެ ވަޑައިގަންނަވަނީ.. ސަފީރުވަނީ ފަސް ކިލޯމީޓަރު ރަންގައި ދުވެފައި...ދެން އިމޭޖްސް
ސަފީރު ވިދާޅުވީ ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ މަސައްކަތް ކުރި އެ ގައުމުގެ ކުންފުނިން އެ މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލި ކަމަށެވެ. އަދި ވޭދުވެދިޔަ 8 އަހަރަށް ވުރެ ގިނަ ދުވަސްތެރޭގައި އެ ލިންކް ރޯޑުން ފައިދާތަކެއް ވެގެންދިޔަ ކަމަށާއި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ލާމު ލިންކް ރޯޑުގެ ސަބަބުން ދެ ގައުމުގެ ދެމުދުގައި އޮތް ގުޅުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ ލިންކް ރޯޑްގެ ސަބަބުން ލާމުގެ ރައްޔިތުން ދުވުމަށް ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަށް ސަފީރު ވިދާޅުވި އެވެ.
އެ ލިންކް ރޯޑުން 4 ރަށް ގުޅުނުކަން ފާހަގަކުރަމުން ސަފީރު ވިދާޅުވީ އުންމީދަކީ އެގޮތަށް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެގެން ދިއުން ކަމަށެވެ.